ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 18:44
އިމާދުއްދީން ސުކޫލުން ބޭއްވި އެސެމްބްލީގެ ތެރެއިން
އިމާދުއްދީން ސުކޫލުން ބޭއްވި އެސެމްބްލީގެ ތެރެއިން
ސިމާހާ ނަސީމް
އިމާދުއްދީން ސުކޫލް
އޯޓިޒަމް ދުވަސް ފާހަގަކުރަން އިމާދުއްދީން ސުކޫލުން ހާއްސަ އެސެމްބްލީއެއް ބާއްވައިފި
ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވީ ޑރ. އައިޝަތު އަލީ ނާޒް

މިއަދަކީ އޯޓިޒަމް އާއި މެދު އާންމު މުޖުތަމައު ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.

އޯޓިޒަމް ދުވަސް ފާހަގަކުރުމަށް އިމާދުއްދީން ސުކޫލުން ވެސް ވަނީ ހާއްސަ އެސެމްބްލީއެއް ހޯމަ ދުވަހު ބާއްވާފައެވެ.

އެސެމްބްލީ ބާއްވާފައިވަނީ ހަވީރު ހަތަރެއް ޖެހިއިރު އެ ސުކޫލް ކޮމްޕައުންޑުގައެވެ. ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވީ ޑރ. އައިޝަތު އަލީ ނާޒްއެވެ.

އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޑރ. ނާޒް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަކީ ތަފާތު ކުދިން ނޫން ކަމަށާއި ކޮންމެ މީހަކުވެސް އެ ކުދިންނަށް އެހީތެރިވެދީ އޯގާތެރިވުމަށް އަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
މި އެސެމްބްލީގައި ދެ ކުއްޖަކު ލަވަކިޔާފައިވާއިރު ނެށުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޯޓިޒަމް އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. މިއީ ސިކުނޑި ހެދިބޮޑުވުމުގައި ކުރިމަތިވާ އުނި ކަމެކެވެ. ނުވަތަ މިއީ ސިކުނޑި ތަރައްގީވެ، ހެދިބޮޑުވުމުގައި ކުރިމަތިވާ އުނިކަމަކުން ކުއްޖާގެ ހެދިބޮޑުވުމުގައި ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ވާހަކަ ދެއްކުމާއި، މުވާޞަލާތްކުރުން، މުއާމަލާތް ކުރުން، އަދި އިޖުތިމާއީ ގުޅުން އުފެއްދުމުގެ ހުނަރު ދަށްވެގެން ދެއެވެ. އޯޓިޒަމް ކުރިމަތިވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. އަދި މިއީ ހަގީގީ ފަރުވާއެއް މިހާތަނަށް ހޯދިފައިވާ ބައްޔެއް ވެސް ނޫނެވެ. އޯޓިޒަމް ހުންނަ ކުދިންނަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ނިހާޔަތަށް ބޭނުންވާނެއެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި އާއި ސުކޫލުތަކުގައި އޯޓިޒަމް ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

 

 

 


 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް