ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 16:39
ކާޑެއްދޫ އެއާޕޯޓް
ކާޑެއްދޫ އެއާޕޯޓް
ގޫގުލް
ކާޑެއްދޫ އެއާޕޯޓް
ކާޑެއްދޫ އެއާޕޯޓް ހުޅުވީއްސުރެ އެތާނގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
ވަކިކުރުމަށް ނިންމާފައިވަނީ 6 މުވައްޒަފުން
ގިނަ މުވައްޒަފުންނަކީ އެއާޕޯޓް ހުޅުވީއްސުރެ މަސައްކަތްކުރާ ފަރާތްތައް
މުވައްޒަފުން ބުނަނީ މިއީ ސިޔާސީ ކުލަ ޖެހިފައިވާ ބޭއިންސާފު ނިންމުމެއް ކަމަށް

ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުގެނެސް، އެ އެއާޕޯޓް ހުޅުވީއްސުރެ އެތާނގައި މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމުގެ ނޯޓިސް ދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ގދ ތިނަދޫއަށް ނިސްބަތްވާ 4 މީހަކާއި ގދ މަޑަވެއްޔަށް ނިސްބަތްވާ ދެ މީހެކެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެ އެއާޕޯޓް ހުޅުވީއްސުރެ އެތަނުގައި މަސައްކަތް ކުރަމުންދާ، ތަނުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ސޮއިކުރައްވާ އެ މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި ވަނީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަރާތްތައް ވަޒީފާއިން ވަކިކުރަން ނިންމީ، ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑު، ރީޖަނަލް އެއާޕޯޓްސްއިން މުރާޖަޢާކޮން މިވަގުތު ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކެއް ގެނައުމާއި ގުޅިގެން އެ މުވައްޒަފުން އަދާކުރަމުންދާ މަޤާމުތައް އުވިފައިވާތީ ކަމަށެވެ. އެހެންކަމުން ވަޒީފާ އާއި ބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ވާފަދައިން އެފަރާތްތަކަށް 2 މަސްދުވަހުގެ ނޯޓިސް ދޭ ކަމަށާއި، ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެފަރާތްތަކުގެ މަޤާމު އުވި، ވަޒީފާއިން ވަކިވާނެ ކަމަށް ވެސް ނޯޓިސްގެ ލިޔުމުގައި ވެއެވެ.

ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ބައެއް މުވައްޒަފުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، މި ނިންމުމަކީ ސިޔާސީ ނުފޫޒުން ނިންމި ބޭއިންސާފު ނިންމުމެއް ކަމަށް ޤަބޫލުކުރާ ކަމަށާއި، ވަޒީފާއިން ވަކިކުރުމުން ގިނަ ދަތިތަކަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

މީގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ރީޖަނަލް އެއާޕޯޓްސްގެ މި ނިންމުމާއި ގުޅިގެން ހުރި ޤަބޫލުކުރަން ދަތި ބައެއް ކަންކަން ހިއްސާ ކޮށްފައެވެ. އެގޮތުން ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ފޮނުވާފައިވަނީ ރީޖަނަލް އެއާޕޯޓްސްގެ ރަސްމީ އީމެއިލަކުން ނޫން ކަމަށާއި، އެތަނުގެ މުވައްޒަފެއްގެ އަމިއްލަ މެއިލަކުން، ކާޑެއްދޫ އެއާޕޯޓްގެ މުވައްޒަފެއްގެ މެއިލްއަށް ކަމަށެވެ. އަދި އެ ލިޔުމުގައި ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ސޮއިކުރައްވާފައި ވީނަމަވެސް، އެ ލިޔުމުގައި ކުންފުނީގެ ތައްގަނޑު ނެތްކަން އެ މުވައްޒަފުން ފާހަގަކުރިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކާޑެއްދޫގައި މިހާރު މަސައްކަތްކުރާ މުވައްޒަފުން އަދިވެސް މަސައްކަތް ކުރަމުންދަނީ ވިލާ ކުންފުނިން އެ އެއާޕޯޓް ހިންގި އިރު ހެދި އެއްބަސްވުމުގެ ދަށުންނެވެ. އަދި މިހާތަނަށް އެ މުވައްޒަފުންނާއިއެކު ރީޖަނަލް އެއާޕޯޓްސްއިން ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާ ކަމަށްވެސް، ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.

ކާޑެއްދޫ އެއާޕޯޓް މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުގެނައީ ސިވިލް ސަރވިސްގެ އޮނިގަނޑުގެ ތެރެއަށް ފެއްތުމަށް ކަމަށް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ކާޑެއްދޫ އެއާޕޯޓްގެ ބައެއް އިސްވެރިން އަންގާފައިވާއިރު، އެ މުވައްޒަފުން ފާހަގަކުރި ގޮތުގައި ކާޑެއްދޫ އެއާޕޯޓުގައި މިހާތަނަށް އަމަލުކުރަމުން ދިޔައީ ސިވިލް ސަރވިސްގެ އޮނިގަނޑަކަށް ނޫނެވެ. އަދި މި 6 މުވައްޒަފުން ވަކިކުރިއިރު، އެފަރާތްތަކާއި އެއް މަޤާމުތަކެއްގައި ތިބި އެހެން ބައެއް ފަރާތްތަކަށް ނޯޓިސް ފޮނުވާފައި ނުވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އޮނިގަނޑަށް ބަދަލު އައިސްފައިވާކަމަށް ބުނެ، ކާޑެއްދޫ އެއާޕޯޓްގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާއިރު، މިފަދަ ނޯޓިސްތަކާއި އެކު، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގައި ތިބި، ސިޔާސީ ގޮތުން ސަރުކާރަށް ތާޢީދު ނުކުރާ ބައެއް ފަރާތްތައް މީގެ ކުރިން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 އޭޕްރިލް 2018 | ހޯމަ 12:50
Pakas
Yamin isthiufa