ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 15:23
އެމްޕީއެލް ގައި މުދާ އުފުލުމުގައި ހަރަކާތްތެރިވާ މަޖޫރީން އިހުތިޖާޖުގައި!
އެމްޕީއެލް ގައި މުދާ އުފުލުމުގައި ހަރަކާތްތެރިވާ މަޖޫރީން އިހުތިޖާޖުގައި!
ރާއްޖެއެމްވީ
މަޖޫރީންގެ އިހުތިޖާޖު
މަޖޫރީން މިއަދުވެސް އިހުތިޖާޖުގައި، ވިޔަފާރިތަކަށް ބޮޑު ދައްޗެއް!
މަޖޫރީން ފާހަގަކުރާ ގޮތުގައި މުދާ އުފުލުމަސް އައި ބަދަލާއި ގުޅިގެން އެމީހުން ވަރަށް ގިނަ ވަގުތުގައި އެކަމުގައި އުޅެން ޖެހޭ
ކޮންޓެއިނަރު ތައް ބޭރުނުކުރެވި ތާށިވަމުންދާނަމަ މުދަލަށް ޖެހިދާނެކަމަށް ވިޔަފާރިވެރިން ބުނޭ

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާއި ގުޅިގެން މަޖޫރީން މިއަދު ވެސް މަސައްކަތް ހުއްޓާލާ އިހުތިިޖާޖު ކުރަމުންދާތީ ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މާލެ ތެރޭގައި މުދާ އުފުލަން ވަކި ގަޑިތަކެއް ހަމަޖެއްސުމުން އެކަމާ ހިތްހަމަނުޖެހި މަޖޫރީން އާދިއްތަ ދުވަހު މަސައްކަތް ހުއްޓާލީ ދެ ސަބަބަކާއި ހުރެއެވެ. އެއް ސަބަބެއް ކަމަށް އެ މީހުން ބުނަނީ ހަމައެކަނި ރޭގަނޑު މުދާ ބޭރުކޮށް، ތަންތަނަށް ގެންގޮސްދޭ ގޮތަށް އޮވެއްޖެ ނަމަ އެ މީހުންނަށް ވަރަށް ބުރަވާނެ ކަމަށެވެ. އެހެންކަމުން އެ ގަޑި ބަދަލުކުރަން އެ މީހުން އެދެ އެވެ. ދެ ވަނަ ސަބަބަކީ، ގަޑި ބަދަލުނުކުރާ ނަމަ، މިހާރު ކޮންޓެއިނަރެއް ހުސްކުރަން ނަގާ އަގު ބޮޑުކުރުމެވެ. ނަމަވެސް އަގު ބޮޑުކުރާކަށް ވިޔަފާރިވެރިން ބޭނުމެއް ނުވެ އެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދެއްކި ބައެއް މަޖޫރީން ބުނީ، މި ބަދަލާއި އެއްގޮތަށް މަޖޫރީންގެ މަސައްކަތުގެ ވަގުތުތައް ވެސް ކަނޑައަޅައި ރީތިކޮށް ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެވެން އެބައޮތް ކަމަށް ދެކޭ ކަމަށެވެ. އެކަމަކު މިހާރު ކަން އޮތް ގޮތުން އަބަދުހެން އެމްޕީއެލް ސަރަހައްދުގައި މުދާ އުފުލުމަށް އެފަރާތްތަކުން 18 ގަޑިއިރެއްހާއިރު އުޅެން ޖެހިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާއިލާއާއި އެހެނިހެން ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މަޖޫރީން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރުމުގެ ސަބަބުން މުދާ ކްލިއަރ ނުކުރެވިފައި ހުރި ވިޔަފާރިވެރިއަކު ބުނިގޮތުގައި އިހުތިޖާޖުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.އޭނާ ބުނީ އިއްޔެ ވެސް ބަނދަރުން ބޭރުކުރެވުނީ ވަރަށް މަދު ކޮންޓޭނަރެއްގެ މުދާ ކަމަށެވެ.

ކޮންޓެއިނަރުތައް ބޭރު ނުކުރެވި ތާށިވަމުންދާނަމަ ބާޒާރުގައި ވިއްކާ މުދާ މަދުވެ ތަކެއްޗަށް ޖެހުމަކީ ވެދާނެގޮތެއް ކަމަށް ބައެއް ވިޔަފާރިވެރިން ފާހަގަ ކުރިއެވެ.

އެގޮތުން ފިޔާ އަލުވި ކަހަލަ އެއްޗެހި މަދުވެއްޖެ ނަމަ އަގު ބޮޑުވެ، އާންމު ދިރިއުޅުމަށް ދަތިތަައް ކުރިމަތިވުމަކީ ގާތް ކަމެކެވެ. އަދި ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމާއިއެކު، މި މައްސަލައަށް އަވަސް ހައްލެއް ނުގެނެވިއްޖެނަމަ ވިޔަފާރި މުދާ ބާޒާރަށް ނެރުމުގައި ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ.

މަޖޫރީންގެ ގޮތުގައި އުޅެނީ މުޅިން ވެސް ދިވެހިންނެވެ. މަޖޫރީންގެ ގްރޫޕްތައް ގެންގުޅޭ މީހުން ބުނާ ގޮތުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން އެ މަސައްކަތުގައި ހަރަކާތްތެރިވެ އެވެ. މަޖޫރީންގެ މަސައްކަތު ގަޑި ބަދަލުކޮށްދޭން އެމްޕީއެލްއާ އެކު އާދިއްތަ ދުވަހު ވެސް ވާހަކަ ދެކެވުނު ނަމަވެސް އަދި މިހާތަަނަށް އެއްވެސް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް މަޖޫރީން ބުނެއެވެ.

މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތް ކުރުމަށް ބޭނުން ކުރާ ގަލާއި، ބުއިމަށް ބޭނުން ކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލައް ވާނީ 18.00 އިން ފެށިގެން ހެނދުނު 6.00 އާއި ދެމެދުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުއްލަން ވާނީ ހެނދުނު 08.00 އިން ފެށިގެން 11:00 އަށް އަދި 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށް ވަނީ ކަނޑައަޅާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް