ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 07:55
ޕިކަޕަކުން ކާޑުގެ ބާވަތްތައް ބާލަނީ
ޕިކަޕަކުން ކާޑުގެ ބާވަތްތައް ބާލަނީ
މުހައްމަދު ޝަރުހާން
މުދާ އުފުލުން
ވިޔަފާރިވެރިންނާއި އިތުރަށް މަޝްވަރާކުރަންޖެހޭ، އެންމެ ބޮޑު ބިރަކީ ތަކެތީގެ އަގު ބޮޑުވެދާނެކަމުގެ ބިރު: ޝިފާ
ސަރުކާރުން ގެނައި ބަދަލަކީ ރަނގަޅު ބަދަލަކަށް ވެސް ވެދާނެ
ނަމަވެސް އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭނެ
ހުރި ޝަކުވާތައް ސަރުކަރުގެ ކަމާބެހޭ އިދާރާތަކަށް ވެސް ހުށައަޅައިގެން ހައްލެއް ލިބޭތޯ މަސައްކަތްކުރާނަން

މަޝްވަރާކުރުމެއް ނެތި މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ވިޔަފާރިވެރިންނާއި، މުދާ އުފުލާ ފަރާތްތަކާ އެކު އިތުރަށް މަޝްވަރާކުރަންޖެހޭ ކަމަށާއި، އޮތް އެންމެ ބޮޑު ބިރަކީ ސަރުކާރުން ގެނައި ބަދަލާ އެކުގައި ތަކެތީގެ އަގުތައް އުފުލިދާނެކަމުގެ ބިރުކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ. 

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން މަޖޫރީންނާއި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް ބޭއްވި ބައްދަލުވުމަށް ފަހު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޝިފާ ވިދާޅުވީ، ސަރުކާރުން ގެނައި ބަދަލަކީ ރަނގަޅު ބަދަލަކަށް ވެސް ވެދާނެ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަންޖެހޭނެ ކަމަށާއި، މަޝްވަރާކުރެވިގެން ހިޔާލު ހޯދިގެން އެފަދަ ބަދަލެއް ގެނައި ނަމަ ޝަކުވާތައް ވެސް މަދުވީސް ކަމަށެވެ. 

ޝިފާ ވިދާޅުވީ ވިޔަފާރިވެރިންތަކާ އެކު މިނިސްޓަރު ބައްދަލުކުރެއްވި ނަމަވެސް އަދިވެސް އިތުރަށް މަޝްވަރާތައް ކުރަންޖެހޭ ކަމަށެވެ. އަދި ސިޓީ ކައުންސިލުން ވެސް މަޝްވަރާތައް ކުރަމުންގެންދާ ކަމަށާއި، ހުރި ޝަކުވާތައް ސަރުކަރުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް ހުށައަޅައިގެން ހައްލެއް ލިބޭތޯ މަސައްކަތްކުރާނެ ކަމަށެވެ. 

"ތެދެއް އަޅުގަނޑު ވެސް ގަބޫލުކުރަން މިއަދު މަގުގައި ހިނގާލާފައި އިއުވެސް ވަރަށް ފަސޭހަ. އެހެން ނަމަވެސް އަޅުގަނޑު ހަމަ ދަންނަވާނީ އަދި ހަމަ ބަލާލަން އެބަޖެހޭއޭ، ސަރުކާރުން މި ނިންމި ނިންމުމާ އެކުގައި އަޅުގަނޑުމެން އެންމެން ވެސް އެއްބާރުލުންދީގެން މިކަމުގައި އޮތް ފަސޭހައަކީ ކޮބައިތޯ ވެސް ބަލަން އެބަޖެހޭ. އަދި ހަމައެހެންމެ ސަރުކާރާ އެކުގައި މަޝްވަރާކޮށްގެން ދެން ތިބި އެހެން މީހުންނަށްވާ އުދަނގޫތައް ވެސް ބަލަން އެބަޖެހޭ... މިއަދު މިސާލަކަށް މިއޮތް ބޮޑު ކަންތައްތައް ކުރިމަތިވެގެންދިޔައިރު މުދާ އުފުލާ ފަރާތްތަކާއި މަޝްވަރާކުރުމެއް ނެތް. އަދި ވިޔަފަރިވެރިންނާ ވެސް އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި އޮތީ،" މޭޔަރު ވިދާޅުވިއެވެ. 

ކުރިއަށް އޮތީ ރޯދަމަސްކަން ފާހަގަކޮށް ސިފާ ވިދާޅުވީ ވިޔަފާރިވެރިިންނާ އިތުރަށް މަޝްވަރާކުރަންޖެހޭނީ ތަކެތީގެ އަގު ބޮޑުވެދާނެތީ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށްދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް ސިފާ ވިދާޅުވިއެވެ. ސިފާ ވިދާޅުވީ ވެހިކަލްތަކުގައި މުދާ އުފުލުން މަނާކުރުމާ އެކުގައި ބޮލުގައި މުދާ އުފުލުމުގެ ސަގާފަތެއް އުފެދިގެން ދިޔުމަކީ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ކަމަކަށް ވާނެ ކަމަށް ސިފާ ވިދާޅުވިއެވެ. 

ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާ ފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލުގެ މާލޭގައި ވަގުތުގައި އުފުލުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މާލޭގައި މިހާރު މުދާ އުފުލެނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް