ކ. މާލެ
|
2 އޭޕްރިލް 2018 | ހޯމަ 07:57
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް
ޓްވިޓަރ
ޝަހިންދާ ކުރެއްވި ޓުވީޓް
ޝަހިންދާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އަނެއްކާ ވެސް ސުވާލުކޮށްފި
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ޤާނޫނުލް އުޤޫބާތުގެ ދަށުން
އެ މައްސަލައިގައި ޖަވާބު ދިނުމަށް ހޯމަދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވޭ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރު އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

މީގެ ކުރިން ވެސް ޝަހިންދާ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެ މައްސަލާގައި ސުވާލުކޮށްފައެވެ. 

ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ޤާނޫނުލް އުޤޫބާތުގެ ދަށުން ކަމަށެވެ. އެގޮތުން ޝަހިންދާ އާއި ސުވާލުކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ އެކެއްގެ (ހ) އާއި (ށ) ގެ ދަށުން ކަމަށެވެ.

ޝަހިންދާ ވިދާޅުވީ ޤާނޫނުލް އުޤޫބަތުގެ 617 ވަނަ މައްދާގެ ދަށުން ސުވާލުކުރުމަށް ފަހު އެ މައްސަލައިގައި ޖަވާބު ދިނުމަށް ހޯމަދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން ލިއުމުން އަންގާފައިވާ ކަމަށެވެ. 

ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ އެކެއްގެ (ހ) އާއި (ށ) އަކީ އާއްމު ތަނެއްގައި އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް އާއްމު މީޑިއަމެއްގައި ވާހަކަ ދެއްކުމުގެ ކުށް ބަޔާންކުރާ މާއްދާއެވެ.

ފުލުހުން ޝަހިންދާ އާއި ސުވާލުކޮށްފައި ވަނީ "މި ދުނިޔޭގައި އިސްލާމް ދީން ނޫން ދީންތަކަށް އުޅުމުގެ ފުރުސަތު ދެއްވީ މާތް ﷲ" ކަމަށާއި، "ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތޯ" ވިދާޅުވެ ކުރެއްވި ޓްވީޓާ ގުޅިގެންނެވެ. ޝަހިންދާގެ ޓްވީޓް ރައްދު ކުރައްވާފައި ވަނީ އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައިވާ ވާހަކަފުޅަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް