ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 15:06
ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބަޔަކާއި ހަވާލު ކުރަނީ
ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބަޔަކާއި ހަވާލު ކުރަނީ
މުހައްމަދު ފަޒީން
މިނިސްޓަރު ތޯރިގު
ގައުމަށް ވަންނަ ލާރިން އެކަނި މަސައްކަތް ކޮށްލަ ކޮށްލާ ތިބޭކަށް ބޭނުމެއް ނޫން: ތޯރިގް
ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޮޑެތި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް މީގެކުރިންވެސް ވަނީ ފެންމަތިވެފައި
ބޭނުންވަނީ ލޯނުވެސް ނަގައިގެން ތަރައްގީ ކުރަން
ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު 49 ބިލިއަނަށް ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައިވޭ

ދިވެހިރާއްޖެއަށް ވަންނަމުންދާ ފައިސާއިން އެކަނި މަސައްކަތް ކޮށްލަ ކޮށްލާ ތިބެން ބޭނުމެއް ނޫން ކަމަށާއި ބޭރުގެ އެހީތަކާއި ލޯނުތައް ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ މިސަރުކާރުގެ އަމާޒު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގެ ނަރުދަމާގެ ލޭބަރ މަސައްކަތް ކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އާދިއްތަ ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ގެ އިތުރުން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ތަކުރާރުކޮށް، ރައީސް ޔާމީންގެ ނަންފުޅު ވިދާޅުވެ ރައީސް ޔާމީންއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންގެ ސަރުކާރާއެކު ރައްޔިތުން ތިބުމަށާއި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަންޖެހޭކަމަށް ވެސް މި ރަސްމިއްޔާތުގައި ބަރިވެރިވެވަޑައިގެންނެވި ސަރުކާރުގެ އިސްވެރިން ގޮވާލައްވައިފައިވެއެވެ.

"އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ މުހިއްމު އެއް ވާހަކައަކީ އަޅުގަނޑުމެން ހައިރާންވެޔޭ ކުރީގެ ރައީސް ނަޝީދު ކަންކުރައްވާގޮތުން. އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ވަރަށް ބޮޑު ބައެއް، އަޅުގަނޑުމެން ސަރުކާރުން ފައިސާ ހޯދައިގެން، ސަރުކާރުގެ ޕީއެސްއައިޕީގެ ބަޖެޓުންނާއި އަދި އަޅުގަނޑުމެންނަށް ލިބޭ އެހީއާއި އޭގެ އިތުރަށް ސަރުކާރުން ލޯނު ނަގައިގެން މިކުރަމުންދާ މަސައްކަތެއް. އެއްވެސް ސަރުކާރެއްގައި އަޅުގަނޑުމެން ބަލާލާކަމަށްވަންޏާމު، މީގެކުރިން ބައްލަވާ ރާއްޖޭގައި ލޯނު ނަގައިގެން ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަސައްކަތް ކުރެވިފައި ހުރިތޯ، މިހާ ބޮޑު އަދަދަކަށް. އެހެންނަމަވެސް މިސަރުކާރުން، ރައީސް ޔާމީން މިކަންތައްތައް މިކޮށްދެއްވަނީ އަޅުގަނޑުމެން ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ މުހިއްމު މަސައްކަތްތައް ފުރިހަމަ ކޮށްދޭން ވެގެން. ކުރީގެ ސަރުކާރުތަކުން މިކަހަލަ އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް، އަމިއްލައަށް އެވަގުތަކު ގައުމަށް އެލިބޭ ލާރިން މަސައްކަތް ކޮށްލަ ކޮށްލާ ތިބެނީ. އެހެންވީމާ ރައްޔިތުން ތިބީ އެކަމުގައި ވަރަށް ބިކަ ހާލުގައި،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މީގެއިތުރުން ތޯރިގް ވިދާޅުވީ ރައްޔިތުންގެ ބޭނުންވާ މިފަދަ މަސައްކަތްތައް މިސަރުކާރުން ކުރަމުންދާއިރު ޖެއްސުން ކުރުމާއި މަސައްކަތަށް ދަތިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ އެބަޔަކު ޖެއްސުމަށް ކުރަނީ ކޮންކަމެއްތޯއާއި އެއީ ކޮންބައެއްކަން މިނިސްޓަރު ފާހަގަ ނުކުރެއްވިނަމަވެސް ރައީސް ނަޝީދު ކުރައްވާ ކަންކަމުން ރާއްޖޭއަށް ބޮޑެތި ގެއްލުންތަކެއް ވާކަމަށް ތޯރިގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޯނު ނަގައިގެންނާއި ސަރުކާރަށް ލިބޭ އެހީގައާއި އަދި ޕީއެސްއައިޕީގެ ބަޖެޓުން މިމަސައްކަތް ކުރާއިރު، އަޅުގަނޑުމެން ހަމަ ދަންނަވާލަން ބޭނުންވަނީ ކުރީގެ ރައީސް ނަޝީދުއަށް އަނެއްކާވެސް އެމަނިކުފާނު ވާހަކަ ދައްކަވާ ބީދައިން ވާހަކަ ދައްކަވާނަމަ، އަޅުގަނޑުމެން މަސައްކަތް ކުރާއިރު ދަތިތައް ކުރިމަތި ކުރައްވަން އެމަނިކުފާނު ކުރައްވާ މަސައްކަތް އަޅުގަނޑު ހަމަ ފާހަގަކޮށްލަން،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދްތަމްތަކަކީ ގާނޫނުއަސާސީން ސަރުކާރުން ރައްޔިތުންނަށް ކޮންމެހެން ކޮށްދެންޖޭހެ ކަންކަމަށްވާއިރު، ރައްޔިތުން ގެންދަނީ އެކަންކަން ކުރުމަށް ބޭންވާ ފައިސާ ވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަމުން ނެވެ. އެގޮތުން ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފްކުރިފަހުން ދައުލަތަށް ލިބޭ އާމްދަނީ އެތައްތަނެއް މައްޗަށް ޖެހިފައިވާއިރު، ރައްޔިތުން ބުނަމުން ދަނީ ސާފު ބޯފެނާއި ކަރަންޓާއި ނަރުދަމާ ގާއިމު ކޮށްދޭން ޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރުމުގެ ކަންތައްތަކެއް ކުރާމަށް ސަރުކާރުން ތުހުމަތު ކުރިނަމަވެސް އެފަދަ މަސްރޫއުތައް ހިންގަމުންދާއިރު ޖެއްސުން ކުރުމުގެ ގޮތުން ނުވަތަ ސިޔާސީ ގޮތުން އެކަންކަން ހުއްޓުވޭނެ އެއްވެސް ކަމެއް އެއްވެސް ރަށެއްގައި ކުރާތަނެއް ނުފެނެއެވެ.

އެހެން ނަމަވެސް ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން މަޝްރޫއުތައް ހިންގަމުންދާއިރު، އެކަންކަމުގައި ބޮޑެތި އޮޅުވާލުންތަކާއި ކޮރަޕްޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްވަމުންދާ ކަމަށެވެ.  

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި މިއަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓް 49 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ރައީސް ޔާމީންގެ ސަރުކާރާ ހަވާލުވެވަޑާއިގެންނެވި އިރު ދައުލަތުގެ ދަރަނި ހުރީ 29 ބިލިއަން ރުފިޔާގަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް