ތޮއްޖެހިފައިވާ މާލޭގައި މަގުތައް އެންމެ ކާރުބާރު ބޮޑުވެގެން ދަނީ މެންދުރުގެ ވަގުތުގައެވެ. ސްކޫލަށް ކުދިންދާ ވަގުތުގައެވެ. އަދި ހަވީރު ސްކޫލުން ކުދިން ގެއަށްދާ ވަގުތުތަކަކީވެސް މާލޭގެ މަގުތައް އާދަޔާ ހިލާފަށް ކާރު ބާރު ބޮޑުވާ ވަގުތުތަކެވެ. މިކަމަށް މިފާއިތުވެދިޔަ ދުވަސްތަކުގައި މާ ބޮޑު ހައްލެއް ލިބިފައެއްވެސް ނެތެވެ. އެކަން ހައްލު ކުރުމުގެ ނަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު މި ވަނީ މާލޭގައި މުދާ އުފުލުމުގެ ގަޑިތަކެއް ކަނޑައަޅާފަ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އަލަށް ގެނައި ބަދަލާއެކު ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރުމުން ބާޒާރުމަތީ ފިހާރަތަކުން މުދާ ގަނެގެން ކަންމަތީ ފިހާރަތަކަށާއި ހޮޓާ، ރެސްޓޯރަންޓް އަދި ކެފޭ ފަދަ އެއްވެސް ތަނަކަށް މުދާ ނުގެންދެވޭނެ އެވެ.
މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫންވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ކައްކާ ގޭސް އުފުލޭނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދު އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މާލޭގައި މުދާ އުފުލުގެ ގަވައިދަށް ގެނައި ބަދަލާއެކު ބައެއް ވިޔަފާރިވެރިންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މީހުންގެ ވިޔަފާރިއަށް އެކަމުގެ އަސަރު ކުރާނެ ކަމަށާއި ތަކެތީގެ އަގަށްވެސް އޭގެ އަސަރު ކުރާނެ ކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
ބައެއް އާންމު ރައްޔިތުން ބުނާ ގޮތުގައި ގޭސް ފަދަ ތަކެތި ޑެލިވަރ ކުރުމަށް ވަގުތުތަކެއް ކަނޑައެޅުމުގެ ސަބަބުން، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވާނެއެވެ. އަދި އެމަރޖެންސީ ހާލަތްތަކުގައި ކޮންމެހެން ބޭނުންވެގެން މުދާ އުފުލަން ޖެހިއްޖެ ނަމަ ވެސް އެފަދަ އެއްވެސް ކަމެއް މި ގަވައިދުގެ ތެރެއިން އިސްތިސްނާ ނުވުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
މާލެއަކީ ކާރުބާރު ބޮޑު، އިންތިހާއަށް ގިނަ އަދަދަކަށް ސައިކަލާއި ކާރު ފަދަ ތަކެތި ދުއްވާ ސިޓީއަކަށްވާއިރު ކުދި ހަނި މަގަކުން ޕިކަޕެއް މަޑުކޮށްލިޔަސް މުޅި ޓްރެފިކަށް އޭގެ އަސަރު ކުރެ އެވެ. މިއީ ހައްލެއް ނުވި ކަމެކެވެ. ޓްރާންސްޕޯޓް އޮތޯރިޓީން މިފަދަ ގަވައިދެއް އެކުލަވާލައިގެން މިކަން ހައްލު ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އާންމުގޮތެއްގައި ކާރު ނުވަތަ ސައިކަލްތަކާއި އަޅާ ބަލާއިރު މުދާ އުފުލާ އުޅަނދުތަކަކީ ނިސްބަތުން މަދު އުޅަނދު ތަކެކެވެ. މި ބަދަލު ގެނެވުނު ނަމަވެސް ދުއްވާ ކާރު އަދި ސައިކަލް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި އެހެން ކަމުން މިފަދަ ބަދަލެއްގެ ސަބަބުން މާލޭގެ މަގުތަކުގެ ހަލަބޮލިކަމަށް ހެޔޮ ބަދަލެއް ނުފެންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ކާރުބާރު ބޮޑު ސަރަހައްދުތައް އިތުރަށް ކާރުބާރު ބޮޑުވެގެންދަނީ ޓްރެޕިކް ފްލޯއަށް މިފަހަކުން ގެންނަންފެށި ބަދަލުތަކުގެ ސަބަބުން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. އެގޮތުން އިސްލާމީ މަރުކަޒު ސަރަހައްދުގެ ޓްރެފިކަށް ގެނައި ބަދަލުތަކުގެ ސަބަބުންނާއި ބައެއް މަގުތަކުގެ ސައިޒުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެސް އެހެން މަގުތަކަށް ބާރު ބޮޑުވެގެންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
މީގެ އިތުރުން މާލެއަށް ގެންނަ ވެހިކަލްތައް އިތުރުނުވާނެ ފަދަ ގޮތެއް ހެދުމަށްޓަކާއި ރަނގަޅު އުސޫލުތަކެއް ގާއިމް ކުރަންޖެހޭ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.
ޗައިނާގެ ބެއިޖިންއަކީ އެއަރ ޕޮލިއުޝަން އެންމެ ބޮޑުވެފައިވާ އެއް ގައުމެވެ. މިކަމަށް ހައްލެއް ގައުމަށް ކޮންޖެޝަން ފީއެއްގެ އިތުރުން ވައި އިންތިހާއަށް ނުސާފުވާ ދުވަސްތަކުގައި ގިނަ އަދަދެއްގެ ޕްރައިވެޓް ކާރުތައް އުސޫލެއްގެ ތެރެއިން ދުއްވުން މަނާކުރެ އެވެ. އިންތިހާއަށް ވައި ނުސާފުވާ ދުވަސްތަކުގައި ގާތްގަނޑަކަށް ހަތަރު މިލިއަން އަމިއްލަ ފަރާތްތަކުން ގެންގުޅޭ އުޅަނދު ފަހަރު ދުއްވުން މަނާ ކުރެވިގެންދެ އެވެ.
މާލޭގެ މަގުތައް މިހާރަށްވުރެއް ލުޔެއް ގެނައުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މާލޭގައި މުދާ އުފުލުމަށް މިގެންނަ ބަދަލަށް އަމަލު ކުރަން ފެށުމުގެ ސަބަބުން އެކަން ހަގީގަތުގައިވެސް ހާސިލްވާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މި އުސޫލުގެ ތެރެއިން ވިޔަފާރިތަކަށް އޭނގެ އަސަރުކޮށް އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް އަސަރު ކުރުން ނޫން އިތުރު ކަމެއް ނުވާނެ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތުދިން ބައެއް ވިޔަފާރިވެރިން ވަނީ ހާމަކޮށްފަ އެވެ.
މުދާ އުފުލާ އުޅަނދު އެގޮތަށް އަމަލު ކުރޭތޯ ބެލުމަށްޓަކާއި އަމަލު ކުރާނެ ގޮތް މޮނީޓަރ ކުރެވޭނީ ކިހިނެތް ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ. މީގެ ކުރިންވެސް އެފަދަ ބައެއް ގަވާއިދުތައް ހެދިއެވެ. އާންމު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހެދި ގަވާއިދުގެ ތަންފީޒު ނުކުރެވޭ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. އާންމު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާކުރުމަށް ޖެހިލުންވާނެ މީހަކު މިހާރުނެތެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ގަވައިދު ވެސް މޮނިޓަރ ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތިއްޖެ ނަމަ، މީހުން އެއަށް އަމަލު ނުކޮށް، އެ ގަވައިދަކީ އޮތް ގަވައިދެއްކަން ވެސް ހަނދާންނެތިދާނެ އެވެ.
ކުއްލިއަކަށް ގަވައިދެއް އެކުލަވާލާ އަމަލު ކުރާށޭ ބުނުމުން ފަރެއް ނުޖެހޭނެ އެވެ. މިފަދަ ގަވައިދުތައް އެކުލަވާލާއިރު، އެ ގަވައިދުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހާސިލްވާނެ ގޮތްތަކަށް ބަލަންޖެހެ އެވެ. މި ގަވައިދަށް އާންމުން ވަރަށް ބޮޑަށް ހޭލުންތެރިކުރަންޖެހެ އެވެ. އަދި މިއީ ތަންފީޒު ކުރެވޭނެ ފަދަ ގަވައިދެއްތޯ ބަލަންޖެހެ އެވެ.