ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ކުރަމުން ގެންދިޔަ ހޫނުމޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެނުއަރީ 1 އިން ފެށިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ބަލަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
މިގޮތަށް ހަމަޖެއްސުމުން ރަށްރަށުގައި ބޯފެން ރައްކާކުރެވޭ މިންވަރާއި ބޯފެން ރައްކާކުރެވޭ ވަޞީލަތްތަކުގެ ޙާލަތު ދެނެގަނެ އެފަދަ ވަޞީލަތްތައް ރަށްރަށުގައި ޤާއިމްކޮށްދިނުމުގެ އިތުރުން، ހޫނުމޫސުމުގައި އެކި ރަށްރަށަށް ފެންފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބަލަހައްޓަމުން ގެންދާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީންނެވެ.
މިގޮތުން ރަށްރަށަށް ފެންފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް މިނިސްޓްރީން ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަން އާއި ގުޅިގެންން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އަދި ހޫނުމޫސުމުގައި ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ޙަވާލުކޮށް މިކަމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންއާއި ދެމެދު 4 ޖެނުއަރީގައި ވަނީ ސޮއިކުރެވިފައެވެ.
ހޫނުމޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ފެންފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ބަލަހައްޓާގޮތަށް ހަމަޖެހުނު ކަމުގައިވިޔަސް ރަށްރަށުގައި ބޯފެން ހުރިމިންވަރު ކުރިއެކޭވެސް އެއްގޮތަށް ބަލަހައްޓަމުންދާނީ އެރަށެއްގެ ކައުންސިލުންނެވެ. އަދި ރަށަކަށް ބޯފެން ގެންދަންޖެހޭ މިންވަރަށް ފެން މަދުވެއްޖެނަމަ އެކަން ކައުންސިލުން އަންގާނީ އެރަށެއްގައި ހުންނަ ފެނަކައިގެ އޮފީހަށެވެ. އަދި ފެނަކައިގެ އޮފީހެއް ޤާއިމްވެފައި ނެތް ރަށެއް ނަމަ ފެނަކައިގެ ހެޑް އޮފީހަށެވެ.
މިގެނައި ބަދަލާއެކު ރަށްރަށުގެ ކައުންސިލްތަކުން އެރަށެއްގައި ފެންހުރި މިންވަރު ޤަވާއިދުން މޮނިޓަރކޮށް ފެނަށްޖެހޭނެ ކަމަށް ލަފާކުރެވޭ ނަމަ މަދުވެގެން 14 ދުވަސް ކުރިން، އެރަށަކީ ފެނަކަ ބްރާންޗެއް ހުރި ރަށެއް ނަމަ އެ އޮފީހަކަށް ނުވަތަ ފެނަކަ ބްރާންޗެއް ނެތް ރަށެއްނަމަ ފެނަކަ ހެޑްއޮފީހަށް ބޯފެނަށް އެދި ހުށަހަޅާފޯމް ފުރިހަމަކުރުމަށްފަހު ފޮނުވަންޖެހެއެވެ. މިފޯމްތައް ފެނަކައަށް ލިބުމުން ރިކުއެސްޓް ފޯމްތަކުގައިވާ މަޢުލޫމާތުތައް ބަލާ ޗެކްކުރުމަށްފަހު، އެރަށަކާއި އެންމެ ކައިރީގައިވާ ފެނުގެ ނިޒާމް ޤާއިމުކުރެވިފައިވާ ރަށަކުން ފެންއުފައްދައި، ފެނަށްޖެހުނު ރަށަކަށް ފެންއުފުލައި އަދި އެރަށެއްގެ ބަނދަރުން ފެށިގެން 4000 ފޫޓު ތެރޭގައި ހުރި އިޖުތިމާޢީ ސަރަހައްދުތަކުގައި ޤާއިމުކުރެވިފައިވާ ފެންރައްކާކުރާ ހަންތަކަށް ފެންފޯރުކޮށްދިނުމުގެ މަސަކަތް ކުރިޔަށް ގެންދެވޭނެއެވެ.