ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 12:59
ކޯޑަންކޮށްފައިވާ ސަރަހައްދެއްގައި ފުލުހުން ފޯރިމަރަނީ--
ކޯޑަންކޮށްފައިވާ ސަރަހައްދެއްގައި ފުލުހުން ފޯރިމަރަނީ--
މުހައްމަދު ޝަރުހާން
މަރުގެ މައްސަލަތައް
އަހަރު ތެރޭގައި ކުއްލި ހަ މަރު: ހަގީގަތަށް ވާސިލުވެވިއްޖެތަ؟
އަމިއްލައަށް މަރުވި މީހުންގެ އަދަދު ތިނަކަށް އަރާ
އެކްސިޑެންޓުތަކުގައި މަރުވި އަދަދުވެސް ތިނަކަށް އަރާ
ތަހުގީގުތައް ގޮސްފައިވާ ހިސާބެއް ހާމައެއް ނުކުރޭ

މިއަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވި މީހުންނާއި އެކްސިޑެންޓްތަކުގައި މަރުވި މީހުންގެ އަދަދު ހައަކަށް އަރާފައިވާއިރު، އެ މީހުންގެ މަރުގެ ހަގީގަތް ހޯދަން ފުލުހުންނަށް ވާސިލުވެވުނު މިންވަރާ މެދު ސުވާލު އުފެދިއްޖެއެވެ.

ފުރާވަރުގެ ކުދިންނާއި ޒުވާނުން ވެސް މިދިޔަ އަހަރު އަމިއްލައަށް މަރުވި ނިސްބަތް ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އެފަދަ މަރުގެ މައްސަލަތައް މިދިޔަ އަހަރު ނުވައަކަށް އަރައެވެ. އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރުވެ، އަނެއްކާ ވެސް މިއަހަރު ތެރޭގައި އެފަދަ ހާދިސާތައް ހިނގަމުންދާ ރޭޓު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވި ކަމަށް ރިޕޯޓުކޮށްފައިވާ ހާދިސާތައް ތިނަކަށް އަރައެވެ.

ރާއްޖޭގައި ކުރިން ވަރަށް މަދުން ނޫނީ ނުހިނގާ މިފަދަ ހާދިސާތައް އިތުރުވާ މިންވަރާ މެދު ކަމާ ބެހޭ އިދާރާތަކުން ބަހެއް ނުބުނެއެވެ. ފުރާވަރު ކުދިންނާއި ޒުވާނުން ފުރާނައަށް ފަރުވާލެއް ނެތި، މަރަށް ހުށަހެޅިގެންދާއިރު، އެކަމުގެ ހައްލު ހޯދަން މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ. ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ނުހިންގައެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދަންޖެހުމުގެ ދެ މައްސަލައަކާއި އިމާރާތަކުން ފުންމާލައިގެން މަރުވި ހާދިސާއެއް ވެސް ހިނގާފައިވެއެވެ. މަރުގެ އެ ތިން މައްސަލާގައި ބަޔަކު ހައްޔަރުކޮށް، އަދި ދަންޖެހުނު މީހެއްގެ ޕޯސްމޯޓަމް ވެސް ވަނީ ހަދާފައެވެ. ތުހުމަަތަށް ބަޔަކު ހައްޔަރަށް ގެންދިއުމަށް ފަހު، އަދި މަރުވި މީހާގެ ޕޯސްޓުމޯޑަމް ހެދިއިރު، އެ މަރުގެތަކުގެ ހަގީގަތަށް ވާސިލުވާން ކުރެވުނު މަސައްކަތާ މެދު ވަނީ ސުވާލު އެދިފައެވެ.

މަރުގެ އެ މައްސަލަތަކާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ޖަވާބެއް ނުދިނެވެ. މައުލުމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެފަދަ ހާދިސާތަކުގެ ތަފާސްހިސާބު ދިނުމަށް ލިޔުމުން ހުށަހެޅުމުން ވެސް އެ މައުލޫމާތު ވެސް ފޯރުކޮށްދީފައެއް ނުވެއެވެ.

މިއަހަރުގެ ތެރޭގައި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު ވެސް ތިނަކަށް އަރައެވެ. އައްޑޫ ސިޓީ ލިންކު ރޯޑުގައާއި ހުޅުމާލޭގައި އަދި ގދ. ގައްދޫގައި ހިނގި އެކްސިޑެންޓުތަކުގައި ތިން މީހަކު މަރުވި މައްސަލަ ތަހުގީގުކުރާ ކަމަށް ބުނުން ފިޔަވައި، އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. މިދިޔަ އަހަރު ވެސް އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންނެވެ. ނުރައްކާތެރި އެކްސިޑެންޓުތައް މަދުކޮށް، ދުވެލި މަޑުކުރުމަށް ފުލުހުން ކުރިން ކުރިއަށް ގެންދާ ޕްރޮގްރާމްތައް މަޑުޖެހިފައިވާ ސަބަބެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އަމިއްލައަށް މަރުވުމާއި އެކްސިޑެންޓުތަކުގައި މަރުވި މީހުންނާ އެކު، މިއަހަރުގެ ކުއްލި މަރުތަކުގެ އަދަދު ހައަކަށް އަރާފައިވާއިރު، އެ މަރުގެ މައްސަލަތަކުގެ ތަފްސީލު ހާމަކުރަން ފުލުހުން ވަނީ ފަސްޖެހިފައެވެ. ހަގީގަތަށް ވާސިލުވުމަށް ކުރާ މަސައްކަތާއި އިތުރު ބަޔަކު އެފަދަ މަރުތަކަށް ހުށަހެޅުމުގެ ކުރިން ފިޔަވަޅުތައް އަޅާކަށް ނުވޭތޯއެވެ؟ ރައްކާތެރިވާނެ ގޮތާއި ހޭލުންތެރިކުރުވުމަށް ރައްޔިތުންނަށް އަޑު އިއްވަން ތިބި ނޫސްވެރިންނަށް މައުލުމާތު ދިނުމަށް ފުލުހުން ފަސް ޖެހެންވީ ސަބަބެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް