ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 12:17
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މިހާރު
އޮޑިޓް ރިޕޯޓް
ދައުލަތުގެ ދަރަނި މެނޭޖް ކުރުމުގެ އުސޫލު އެންމެ އެދެވޭ ގޮތުގައި ބޭނުންކޮށްފައެއްނުވޭ: އޮޑިޓް އޮފީސް
ޑެޓް މެނޭޖްމެންޓް ސްޓްރެޓެޖީއަށް އަމަލުކޮށްފައިނުވޭ
2017 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 43 ބިލިއަން ރުފިޔާގައި
ރާއްޖޭގެ ދަރަނި މެނޭޖް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް އެކުލަވާލެވިފައިވާ ޑެޓް މެނޭޖްމެންޓް ސްޓްރެޓެޖީ އެންމެ އެދެވޭ ގޮތުގައި ބޭނުންކޮށް އަމަލުކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ހާމަކޮށްފިއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައި ވަނީ، ފިނޭންސް މިނިސްޓްރީން 2012 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ މީޑިއަމް ޓާމް ޑެޓް މެނޭޖްމެންޓް ސްޓްރެޓެޖީއަކީ އޭރުގެ ރައީސްގެ އިސްނެންގެވެމުގެ ދަށުން އެކުލަވާލެވުނު ސްޓްރެޓެޖީއެއް ކަމަށެވެ.

މިފަދަ ސްޓްރެޓެޖީއެއް އެކުލަވާލާފައި ވަނީ މާލީ ގޮތުން އެކަށީގެންވާ ޕްލޭނެއްގެ ތެރެއިން ހަރަދުކޮށް ކުރިއަށް އޮތް މުސްތަގްބަލުގައި ކުރިމަތިވާ ރިސްކުތަކުން ސަލާމަތްވުމަށެވެ. އަދި މާލީ އެހީގެ ގޮތުގައި ނަގާ ލޯނާއި އެނޫން ފައިސާއަކީ ފަހި ފުރުސަތުތެއް އެކުލެވިގެންވާ މާލީ އެހީތަކަކަށް ވުން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މިފަދަ މައުލޫމާތުތައް އެއްކޮށް ރިވިއު ކުރުމަށް ހަމަޖެހިފައި ވަނީ ކުއަޓަރލީ ރިޕޯޓްތަކާއި އަހަރީ ރިޕޯޓްތަކުން ކަމަށް ބަޔާންކޮށްފައިވާ އިރު ފިނޭންސް މިނިސްޓްރީން ޑެޓް މެނޭޖްކުރުމަށްޓަކައި އުސޫލުތަކެއް އެކުލަވާލެވި ޑެޓް މެނޭޓްމެންޓް ސްޓްރެޓެޖީއަށް އަމަލު ކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފައި ވެއެވެ.

އޮޑިޓް އޮފީހުން ވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާތީ ދަރަނި މެނޭޖް ކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އަދި އެކަމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރުމަށް ވަނީ ގޮވާލާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި ހުރީ 43 ބިލިއަން ރުފިޔާގައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު މި އަދަދު ހުރީ 36.9 ބިލިއަން ރުފިޔާއެވެ.

އެއް އަހަރުން އަނެއް އަހަރަށް ރާއްޖޭގެ ދަރަނި އިތުރުވަމުންދާ އިރު ބަޖެޓުގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަން މިދިޔަ އަހަރު ވެސް ހާސިލްވެފައެއް ނުވެއެވެ.

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓީން ކުންފުންޏެއް ކަމުގައިވާ، މޫޑީސް އިން ހާމަކޮށްފައިވާ ގޮތުގައި، 2019 އަހަރު ރާއްޖޭގެ ޖީޑީޕީގެ 82 ޕަސެންޓް ދަރަނި ހިއްސާ ކުރާނެ ކަމަށެވެ.

އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާތީ އެކަން ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް