ކ. މާލެ
|
31 މާރޗް 2018 | ހޮނިހިރު 09:33
ދޯންޏަކަށް މުދާ ބަރު ކުރަނީ
ދޯންޏަކަށް މުދާ ބަރު ކުރަނީ
މުހައްމަދު ޝަރުހާން
މުދާ އުފުލުމުގެ ކްލިއަރެންސް
މުދާ އުފުލުމަށް ގެނައި ބަދަލާ އެކު އެމްޕީއެލްގެ ކާގޯ ކްލިއަރެންސްއަށް ވެސް ބަދަލުތަކެއް!
ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ކްލިޔަރ ކުރާނެ ވަގުތުތައް ވަނީ ކަނޑައަޅާފައި
މުދާ ބަރު ކުރެވޭނެ ވަގުތުތައް ވެސް ވަނީ ކަނޑައަޅާފައި

މުދާ އުފުލުމަށް ގެނައި ބަދަލާ އެކު އެމްޕީއެލްގެ ކާގޯ ކްލިއަރެންސް އަށް ވެސް ބަދަލުތަކެއް ގެނައުމަށް ހަމަޖައްސައިފިއެވެ.

 މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީން މާލޭގައި މުދާ އުފުލުމުގެ ވަގުތުތަކަކަށް ގެނައި ބަދަލާ އެކު އެމްޕީއެލް އިން ކާގޯ ކްލިއަރެންސްގެ މަސައްކަތް ކުރުމަށް ވެސް ވަގުތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

 އެގޮތުން ކަނޑުމަގުން ކްލިއަރކުރެވޭ މުދާ ޑެލިވެރީ އޯޑަރ ހެނދުނު 08:00 އިން ފެށިގެން މެންދުރު 13:00 އަށް ނަގަން ފަށާއިރު މުދާ ކްލިއަރކުރެވޭނީ ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 21:00 އަށް  ކަމަށް އެ އިދާރާއިން ބުނެއެވެ.

އެއްގަމު މަގުން ކްލިއަރކުރެވޭ މުދަލުގެ ޑެލިވަރީ އޯޑަރ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ނަގަން ފަށާއިރު ކޮންޓެއިނަރ މުދާ ކްލިއަރ ކުރުމަށްޓަކައި ކޮންޓެއިނަރ ކެނޑުމުގެ މަސައްކަތް ފެއްޓޭނީ 20:00 ގައި ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް ފަދަ ވެހިކަލް އެމްޕީއެލް ސަރަހައްދަށް ވައްދަން ފައްޓާނީ ރޭގަނޑު 21:00 އަށް ކަމަށްވާއިރު މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 05:00 އަށް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލް އިން ވަނީ ހުކުރު ދުވަހު މުދާ ކްލިއަރ ކުރުމުގައި އަމަލު ކުރާނެ ގޮތް ހާމަކޮށްފައެވެ. އެގޮތުން ޑެލިވަރީ އޯޑަރ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ނަގާ އިރު ދޯނި ފަހަރަށް މުދާ ބަރުކުރަން ފަށާނީ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 21:00 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮންޓެއިނަރ މުދަލާއި ޕެރިޝަބަލް މުދާ ބަރު ކުރުމަށް ވެހިކަލް ސަރަހައްދަށް ވައްދަން ފަށާނީ 21:00 އަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މުދާ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގު މައްޗަށް ނުކުމެވޭނީ ރޭގަނޑު 22:00 އިން ފެށިގެން ހެނދުނު 05:00 ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މިނޫން ވެސް ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލަންވާނީ އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް