ކ. މާލެ
|
30 މާރޗް 2018 | ހުކުރު 19:03
ރާއްޖޭގެ ރިސޯޓެއް: ކުއްލި ނުރައްކަލުގެ ހާލަތުގައި ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބިފައިވޭ
ރާއްޖޭގެ ރިސޯޓެއް: ކުއްލި ނުރައްކަލުގެ ހާލަތުގައި ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބިފައިވޭ
ގޫގުލް
ޓޫރިޒަމް ދަށަށް
ކުއްލި ހާލަތު ނިމުނަސް ޓޫރިޒަމް ދައްކަނީ ބަނަކޮށް!
ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ވަނީ ސޭލް އަޅުވާފައި
ކުއްލި ހާލަތަށް ފަހު އަލަށް ބުކިންސް ހައްދާ އަދަދު މާބޮޑަށް އިތުރެއް ނުވޭ

ރައީސް އަބްދުﷲ ޔާމީން ފެބްރުއަރީ 5 ގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަސް ފަހުން ނިމުމަކަށް ގެނަޔަސް، ރާއްޖޭގެ އިގްތިސޯދުގެ މައިތަނބުކަމުގައި ޓޫރިޒަމް ދާއިރާ ފެންނަނީ ބަލިކަށިކޮށް ކަމަށް އެ އިންޑަސްޓްރީގެ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވާ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ބުނަމުން ދިޔަ ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގައި، 2004 ވަނަ އަހަރުގެ ސުނާމީގައި ޓޫރިޒަމް ދަށަށް ނުދާ މިންވަރަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

"މިހާރު ޑިސްކައުންޓް ދީގެން އަދި، ހާފް ބޯޑް ނަގާފައިވާ ފަރާތްތަށް ފުލް ބޯޑަށް އަޕް ގްރޭޑްކޮށްގެން، އިތުރު އިނާޔަތްތައް ވެސް ދީގެން ކިރިޔާ ސަލާމަތް މިވަނީ،" ރިސޯޓް ހިންގާ ކުންފުންޏެއްގެ ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށް އެސްއޯއީގެ މުއްދަތުގައި ބޮޑު ގެއްލުމެއް ލިބިފައިވާއިރު، ކުރިއަށް އޮތް ދުވަސްތައް ވެސް ފެނިގެން ދަނީ ބަނަކޮށެވެ.

"ޓޫރިސްޓުން އަންނަ ރޭޓް، ބުކިން ރޭޓް ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފައި. މާބޮޑަށް މައްޗަކަށް ނާރައި،" އޭނާ ވިދާޅުވި އެވެ.

ކެޕިޓަލް ޓްރެވަލް އެންޑް ޓްއަރސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޔޫސުފް ރިފްއަތު ވެސް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނަސް، ޓޫރިޒަމް ދާއިރާ ދައްކަނީ ވަރަށް ބަނަކޮށް ކަމަށެވެ.

"ރާއްޖޭގެ 99 ޕަސެންޓް ރިސޯޓްތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް އޮތީ ސޭލް އަޅުވާފައި. ގެސްޓް ހައުސްތަކަށް އަގުހެޔޮ ރޭޓްތަކުގައި ޓޫރިސްޓުން އަންނަމުން ދިޔަސް، ރިސޯޓްތަކުގެ އޮކިއުޕަންސީ ހުރީ ވަރަށް ދަށުގައި. ނުއަގުގައި އެނދު ވިއްކަން މިޖެހެނީ،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްލި ހާލަތު ނިމުނު ނަމަވެސް، އޭޝިއާގެ ބައެއް ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ އައުމުގައި ސަމާލުވުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ. މިގޮތަށް އޭޝިއާ ގައުމުތަކުން އިލްތިމާސްކޮށްފައިވާއިރު، ޔޫރަޕުން އަންނަ ޓޫރިސްޓުން ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހޫނު މޫސުމުގައި ޔޫރަޕްގެ ބައެއް ފްލައިޓްތައް މެދުކަނޑާލަން އުޅޭކަމަށް އަޑުފެތުރިފައިވާއިރު، ރާއްޖޭ މަޝްހޫރު ހޮޓަލެއްގެ އިސް ވެރިޔަކު ވިދާޅުވީ ޔޫރަޕްގެ ބައެއް އެއާލައިންތަކުން އެ ހޮޓަލަށް ހައްދާފައިވާ ބުކިންސްތައް ކެންސަލްކޮށްފައިވާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގައި ޓޫރިޒަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ބައެއް ގެސްޓް ހައުސްތަކަށް އެއް ލައްކަ، ދެލައްކަ ޑޮލަރުގެ ބުކިންސް ކެންސަލްކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް