ކ. މާލެ
|
30 މާރޗް 2018 | ހުކުރު 17:55
ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މަހްލޫފް އަނބުރާ ދޫނިދުއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ: ފޮޓޯ-ރާއްޖެއެމްވީ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މަހްލޫފް އަނބުރާ ދޫނިދުއަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ: ފޮޓޯ-ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
މަހްލޫފް ހައްޔަރުކުރުން
މަހްލޫފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި
މަހްލޫފުގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވޭ
ފަސް ދުވަސް އިތުރުކުރީ މުޒާހަރާގައި މާސްކުބެހި މައްސަލާގައި
މަހްލޫފު ހައްޔަރުކުރީ އެސްއޯއީގެ ދަށުން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު ކޯޓަށް ހާޒިރުކޮށް މަހްލޫފުގެ ބަންދުގެ މުއްދަތު އިތުރު މިކުރީ، މުޒާހަރާ ތެރެއިން މާސްކުތަކެއް އާންމުނަށް ބެހި ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެންނެވެ.

މަހްލޫފު އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާ ހައްޔަރުކުރީ އޭރު އިއުލާންކޮށްފައި ހުރި ކުއްލި ހާލަތުގެ ދަށުން ކަމަށްބުނެ އެވެ. ނަމަވެސް މުޒާހަރާތެރެއިން މާސްކް ބެހި ކަމަށް ބުނެ ކުރާ ތުހްމަތުގައި އޭނާގެ ބަންދަށް އޭރު 13 ދުވަސް ކޯޓުން އިތުރުކޮށްދީފައިވެ އެވެ. އަދި މުއްދަތު ފަސް ދުވަސް އިތުރުކޮށްފައިވަނީ އެ މުއްދަތު ހަމަވާން ކައިރިވުމުންނެވެ.

 
މަހްލޫފު ކޯޓަށް ހާޒިރުކުރި ވަގުތު މަހްލޫފުގެ އަނބިކަނބަލުންނާއި މަޖިލިސް މެމްބަރު ރޮޒައިނާ ކްރިމިނަލް ކޯޓު ކައިރީގައި

މަހްލޫފުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް ވިދާޅުވީ މާސްކުތަކެއް ބެހި ކަމަށް ބުނެ ކޮށްފައިވާ ދައުވާއާ ގުޅިގެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާއިރު މިހާރުވެސް އޭނާ ވަނީ އެކުށް ސާބިތުވެއްޖެ ނަމަ އަންނާނެ ހުކުމުގެ ހަތަރު ބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކޮށްފައި ކަމަށެވެ. މަހްލޫފުގެ މައްޗަށް ތުހްމަތުކުރާ އެ މައްސަލައަކީ އާންމުކޮށް މީހަކު ބަންދުގައި ބަހައްޓަންޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށް ވެސް ނޫރުއްސަލާމް ފާހަގަ ކުރެއްވި އެވެ. އަދި އޭނާގެ ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް އޮތް ކަމަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްފައި ތިބޭއިރު މަޖިލީހުގެ ގަވައިދާ އެއްގޮތައް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުކުރާތީ އެކަން ކުރުމުގެ އަމުރެއް ނެރެދޭން އެދިވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް އެ އަމުރު ނެރެދެއްވާފައިނުވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

މުޒާހަރާ ތެރެއިން މާސްކުތަކެއް ބެހި މައްސަލާގައި މަހްލޫފުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އޭގެ އިތުރުން އޭނާ ކުރައްވާފައިވާ ދެ ޓްވީޓަކާ ގުޅިގެން ވެސް ދައުވާ ކޮށްފައިވެ އެވެ. ދައުވާ ކޮށްފައިވާ ތިން މައްސަލާގައި އަދި އަޑުއެހުމެއް ބާއްވާފައިނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް