ކ. މާލެ
|
30 މާރޗް 2018 | ހުކުރު 11:28
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޯން ރޯޑް
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޯން ރޯޑް
ރައީސް އޮފީސް
ޖަރުމަނު ސަފީރު
ޑިމޮކްރަސީގެ މަގަށް ރުޖޫއަ ނުވެއްޖެ ނަމަ އިގްތިސާދަށް ގެއްލުން ވާނެ: ޖަރުމަނު ސަފީރު
ބޮޑެތި އެއާލައިންތަކުން ހޫނު މޫސުމަށް ދަތުރުތައް ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވޭ

ޑިމޮކްރަސީގެ މަގަށް ރާއްޖެ ރުޖޫއަ ނުވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުން ވާނެ ކަމަށް ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔޯން ރޯޑް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ކަމުގައި ވިޔަސް ޑިމޮކްރަޓިކް ހައްގުތައް ހިފެހެއްޓިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސިޔާސީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިކަމުގެ ސަބަބުން އިގްތިސާދަށް އަސަރު ކުރާނެ ކަމަށާއި ފަތުރުވެރިން ރާއްޖެ އިހުތިޔާރު ކުރުން ހުއްޓާލުމާ އެކު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ރޯޑްގެ ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.

ރޯޑް ވިދާޅުވެފައި ވަނީ ޔޫރަޕުގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުން އެ އެއާލައިންތަކުގެ ދަތުރުތައް ހޫނު މޫސުމަށް ހުއްޓާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ މިކަމަށް އޮތް ހައްލަކީ ޑިމޮކްރަސީގެ މަގަށް ރުޖޫއަވުން ކަމަށެވެ. ހަމައެހެންމެ މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން އެއްކޮށް ގެއްލިފައިވާ ރާއްޖޭގެ ރީތި ނަން އަނބުރާ ހޯދުމަށް ވެސް ޑިމޮކްރަސީގެ މަގު އިހުތިޔާރުކުރަން ޖެހޭ ކަމަށް ރޯޑް ވިދާޅުވެފައިވެއެވެ.

ޖަރުމަނުގެ ސަފީރު މިހެން ވިދާޅުވެފައިވާއިރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް އެންމެ ފުރަތަމަ ގޮވާލި ގައުމުތަކުގެ ތެރޭގައި ޖަރުމަނު ހިމެނެއެވެ. ހަމައެހެންމެ ރޯޑް ގެންދަވަނީ ރާއްޖޭގެ ހާލަތާ މެދު އެކި ފަހަރުމަތިން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް ޔޫރަޕްގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ރާއްޖެއާ މެދު އަޅާނެ ފިޔަވަޅުތަކެއް ފާސްކޮށް އެ ތަންފީޒުކުރުމަށް ފާސްކުރުމަށް އެ ޖަމާއަތުގެ އެންމެ މަތީ ކޮމިޓީ އަށް ފޮނުވާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވާގިވެރިވާ ވިޔަފާރިވެރިންނާއި ވިޔަފާތިތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުން ފަދަ ކަންކަން ހިމެނެއެވެ. މިނިސްޓީރިއަލް ކައުންސިލުން މި ފިޔަވަޅުތައް ފާސްކޮށްފި ނަމަ ޔޫރަޕްގެ ގައުމުތަކުން އެ ނިންމުންތަކަށް އަމަލުކުރަން ޖެހޭނެއެވެ. އެހެން ކަމަށްވާ ނަމަ ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް