ކ. މާލެ
|
30 މާރޗް 2018 | ހުކުރު 05:17
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
ޓްވިޓަރ
ހުއްޓުވާ ޖަލްސާ
މިއަދު ފުލުހުންގެ މުއައްސަސާގެ ވާޖިބު އަދާކުރީތީ ވެސް ދާން ޖެހެނީ ޖަލަށް: ޝިފާޒު
ފުލުހުންވެސް ގާނޫނީ ވާޖިބުތައް އަދާކުރަންޖެހޭ
ނުހައްގުން ހައްޔަރުކުރާ ފަރާތްތަކަށް ލިބެނީ އިތުރު ހިތްވަރު
ވަރަށް އަވަހަށް ބޮޑު މުޒާރަހާއެއް ފެންނާނެ

ސުޕްރީމް ކޯޓުން ކުރި އަމުރެއް ތަންފީޒު ކުރުމަށް އުޅުމުން ފުލުހުން ޖަލަށްދާން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

 ހުއްޓުވާގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ މި ފަހަކަށް އައިސް ފުލުހުން އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށް ބުނެ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ ވާޖިބު އަދާ ކުރުމުން ވެސް ފުލުހުން ޖަލަށް ލާފައި އެބަ ތިބި ކަމަށެވެ.

 ޝިފާޒު މިހެން ވިދާޅުވެފައިވާ އިރު ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ކޯޓް އަމުރު ތަންފީޒުކުރަން އުޅުއްވި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ޖަލަށްލައި، ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. 

ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުމުގެ ތުހުމަތުގައި އަރީފް ހައްޔަރުކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޝިފާޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް 85 އަހަރު ފުރިފައިވާ އިރު ފުލުހުން މިކަންކަމަށް ވިސްނަންޖެހޭ ކަމަށެވެ.

"ބަންދުވާ އެކިއެކި ފަރާތްތަކުގެ ހައްގުގައި ކުރަމުންދާ މަސައްކަތް އެގޮތުގައި ކުރިއަށްދާނަމަ އިސްލާހީ މަސައްކަތެއް ނުހުއްޓުވޭނެ. ގާނޫނުގައި އޮތް ގޮތަށް ދަންނަވަން ނުކެރި ދެން ކުރަން އޮތް އެއްވެސް ކަމެއް ނޯންނާނެ." ޝިފާޒު ވިދާޅުވި އެވެ.

ނުހައްގުން ހައްޔަރުކޮށްފައިވާ ފަރާތްތަކަށް އަބަދުވެސް ހިތްވަރު ލިބިގެންދަނީ ސިޔާސީ ޕާޓީތައް އެފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ. މިކަމުން ސަލާމަތްވުމަށް ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށާއި ވަރަށް އަވަހަށްވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު އެއްވުމެއް އޮންނާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް