ކ. މާލެ
|
30 މާރޗް 2018 | ހުކުރު 00:43
ް މަޑުއްވަރީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު އަމީތު
ް މަޑުއްވަރީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު އަމީތު
މުރުޝިދް އަބްދުލް ހަކީީމް
ހުއްޓުވާ ޖަލްސާ
އެޗްއާރުސީއެމްއަކީ ހަމައެކަނި ރިޕޯޓް ލިޔަން ތިބޭ ބައެއް ނޫން: އަމީތު
އެޗްއާރްސީއެމް އިން ޖަލުތަކަށް ޒިޔާރަތްކުރޭ
އެޗްއާރްސީއެމް އަށް މަސައްކަތް ކުރެވޭ ނަމަ ހާލަތު ބަދަލު ކުރެވޭނެ
ޕީޖީ އޮފީހާއި އޭޖީ އޮފީހުގެ ވަކީލުން ވަނީ އެތިކަލް ހަމައިން ބޭރުވެފައި

ހިއުމަންސް ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އަކީ ހަމައެކަނި ރިޕޯޓް ލިޔަން ތިބޭ ބައެއް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ފަދައިން ރައްޔިތުންނަށް ވެސް ޖަވާބުދާރީ ވާންޖެހޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ އޭނާ ޖަލުގައި ބަންދުކޮށްފައި ހުރި އިރު އެޗްއާރުސީއެމްގެ ފަރާތުން މެންބަރަކު ގޮޅިއަށް ޒިޔާރަތްކުރެއްވި ކަމަށާއި އެތަނުގައި ހުރި ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ހަމަ އެ ހާލަތުގެ ވާހަކަ އޭގެ ހަ މަސް ކުރިން ވެސް އޭނާ ޖަލުގައި ހުންނެވި އިރު އެޗްއާރުސީއެމުން ބެލި ކަން އަމީތު ފާހަގަކުރެއްވިއެވެ.

"މެންބަރަކު ވަޑައިގެންނެވި އަޅުގަނޑުމެން ދެންނެވިން. އަވަހަށް ވަޑައިގަންނަވާށޭ. ބައްލަވާށޭ. ފާޚާނާ އާއި، ފަންކަހާއެއް ނެތް ކަމާއި ނިދަންޖެހޭ ހާލަތާއި، މިތަން ހުރި ގޮތް ބައްލަވާށޭ. ވިދާޅުވީ ތިމަންނަމެން އެބަ ބަލަމޭ. އަޅުގަނޑު ދެންނެވިން މި ހާލަތު ވަޒަންކުރެވޭތޯއޭ. ވިދާޅުވި ވަޒަންކުރެއްވެއޭ. އަޅުގަނޑުމެން ދެންނެވިން މިކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްކުރައްވަންތޯއޭ. ވިދާޅުވީ މަސައްކަތް ވެސް އެބަ ކުރައްވަމޭ. މިވާހަކައަކީ އޭގެ ހަ މަސް ކުރިން އަޅުގަނޑު ގޮޅީގައި އޮއްވައި އޭގެތެރެއިން މެންބަރަކު ވަޑައިގެން އަޅުގަނޑު ކައިރީގައި ދެއްކި ވާހަކަ،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ އެޗްއާރުސީއެމް އަށް މަސައްކަތް ކުރެވޭ ނަމަ އެ ހާލަތުގައި ތިބެންނުޖެހޭނެ ކަމަށާއި އެ ބޭފުޅުންނަކީ ހަމައެކަނި ރިޕޯޓް ލިޔުއްވަން ތިއްބަވާ ބޭފުޅުން ނޫން ކަމަށެވެ.

"އެ ބޭފުޅުން (އެޗްއާރުސީއެމް) އެ މަގާމު ދީފަ އެތަނުގައި ބޭތިއްބީ. ރިޕޯޓް ލިޔަންތޯ. ނޫން އިބޫ އެނގޭތޯ. ރިޕޯޓް ލިޔާކަށެއް ނޫން އަޅުގަނޑުމެން އެ ބޭފުޅުން އެތަނުގައި ބޭތިއްބީ. ރިޕޯޓް ލިޔެގެން އެ ރިޕޯޓަށް އަމަލު ނުކުރައްވާ ނަމަ އިބޫ ތި ފާހަގަކުރެއްވި ގޮތަށް ޕަބްލިކަށް ނުކުމެވަޑައިގެން ވިދާޅުވެދެއްވާ، ޔާމީން މިކަމެއް ނުކޮށްދެއްވިއޭ. އިސްލާހެއް ނުކުރެއްވިޔޭ. ވަޑައިގެންދެއްވާ. އެ ބޭފުޅުން ހަމައެކަނި ޖަވާބުދާރީވާންޖެހޭނީކީ ރައްޔިތުންގެ މަޖިލީހަކަށް ނޫން. އެ ބޭފުޅުން ޖަވާބުދާރީވާންޖެހޭނެ ދިވެހި ރައްޔިތުންނަށް ވެސް،" އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ވާހަކަތަކަށް އިޝާރާތްކުރައްވައި އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މި ހާލަތުގައި މުސާރަ ވެސް ހަލާލު ނުވާނެ ކަމަށް އެޗްއާރުސީއެމް އިން ޖަލަށް ވަޑައިގެންނެވި މެންބަރު އެއްބަސްވެވަޑައިގެންނެވި ކަމަށެވެ. އެހެން ކަމުން އެފަދަ ހާލަތުގައި އެ ބޭފުޅުން މަސައްކަތްކުރައްވައިގެން ނުވާނެ ކަމަށާއި ބަންޑާރަ ނައިބު އޮފީހުގެ އިސް ވަކީލާ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި މަރިޔަމް ޝުނާނާ ވަގާމުން އިސްތިއުފާ ދެއްވައި މިސާލު ދެއްކެވި ފަދައިން އެޗްއާރުސީއެމްގެ ބޭފުޅުން ވެސް މިސާލު ދައްކަވަން ޖެހޭ ކަމަށް އަމީތު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެ އެދޭ ގޮތަކީ މަގާމުގައި ތިއްބަވައިގެން އަޑުއުފުއްލެވުން. ތެދުވެވަޑައިގެންނެވުން. އެހެން ނަމަވެސް މަސައްކަތް ކޮށްކޮށް އެކަން ރަނގަޅު ނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާ އެނގޭތޯ. އިސްތިއުފާ ދެއްވައި ވަޑައިގަންނަވާ، މުސާރަ ނަންގަވައިގެން ފިނި ކޮޓަރީގައި ރިޕޯޓް ލިޔުއްވަން އަޅުގަނޑުމެން މަގާމަށް ގެނައި ބައެއް ނޫން އެއީކީ. އެ ބޭފުޅުންނަށް އެ ހުއްޖަތު ދައްކަވައިގެން އެ މުއައްސަސާތައް ހިސާރުކޮށްގެން މިއިން މައްސަލައެއް އަޅާނުލައްވައެއް ނުތިއްބެވޭނެ،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންނަކީ އެތިކަލް ސްޓޭންޑަޑުން ބޭރުވެ ހަމައެކަނި ދައުލަތުން ހިންގާ ޖަރީމާ ހިމާޔަތްކުރަން ތިބެންޖެހޭ ފަރާތްތަކެއް ނޫން ކަމަށާއި އެ ބޭފުޅުން ވަކާލަތު ކުރައްވަން ޖެހޭނީ ހަމަތަކެއްގެ މަތީގައި އިންސާނީ ބުއްދި އާއި ގާނޫނުގެ ތެރެއިން ކަމަށެވެ.

އަމީތު ވިދާޅުވީ ޕީޕީއެމް ކިޔާ މީހަކާ ވެސް ދެން ގާތް ނުވާނެ ކަމަށާއި އެއީ ވަދެއްޖެއްޔާ ނުކުމެވޭ ޕާޓީއެއް ނޫން ކަމަށެވެ. އެތަނުން ނުކުންނަ މީހަކު ނުކުންނަންޖެހެނީ މުޅި ހަޔާތް ގުރުބާން ކޮށްފައި ކަމަށާއި ޕީޕީއެމުން ވަކިވެވަޑައިގެންނެވި 12 މެންބަރުންނަށް މަޖިލީހަށް ވަދެވަޑައިނުގެންނެވުމަކީ 60،000 އަށް ވުރެ ގިނަ ރައްޔިތުން މަޖިލީހުގައި ތަމްސީލް ނުކުރެއްވުން ކަމަށެވެ.

އަމީތު ވިދާޅުވީ އެ ރައްޔިތުންގެ އަޑު މަޖުލީހުގައި އިއްވުމަށް ފުރުސަތު ހޯދުމަށް އާދޭސްކުރަމުން ނުދާ މުއައްސަސާއެއް ނެތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް ދިއުމުން އެ ކޮމިޝަނުގެ މެންބަރުން ވެސް ފިއްލެވީ ކަމަށް އަމީތު ވިދާޅުވިއެވެ.

"ކޮޓަރިއަށް ވަދެގެން ތިބެ އެ ތަނުގެ މުވައްޒަފުން ގާތުގައި ބުނީ އަޅުގަޑުގަނޑުމެން ގާތުގައި ދަންނަވާށޭ ތިމަންނަމެން ކޮމިޝަނަކު ނެތޭ. އެ ހައްގުތަށް ހޯދުމަށް ރައްޔިތުން މަޖިލީހަށް ދިޔައިމަ އެ ތަނުގެ ދޮރާށި މަތިން އަޅުގަނޑުމެން އުކާލީ. އެ ހައްގުތަށް ހޯދުމަށްޓަކައި ޖަލުން މިނިވަން ވީ ފަހުން މިދަނީ ދިވެހި ރާއްޖޭގެ ކޯޓުތަކަށް. އަދިވެސް އަޅުގަނޑުމެންނަށް އެ ހައްގުތަކެއް ނުލިބޭ،" އަމީތު ވިދާޅުވިއެވެ.

އަމީތު ވިދާޅުވީ މި ހުރިހާ ކަމެއް ބަލާނެ ދުވަހެއް ވަރަށް އަވަހަށް އަންނާނެ ކަމަށާއި މި އަނިޔާ ދިން ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ. ނަމަވެސް މި އަނިޔާވެރިކަމުން މިދިވެހި ދައުލަތް ސަލާމަތްކުރެވޭނީ މި ދިވެހި ދައުލަތުގެ ހިމާޔަތަށްޓަކައި އުފެއްދި މުއައްސަސާތައް އޭގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް