ކ. މާލެ
|
30 މާރޗް 2018 | ހުކުރު 02:16
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު
ރައީސް އޮފީސް
ހުއްޓުވާ ޖަލްސާ
އާޒިމާ ޑްރާފްޓްކޮށް އަބްދުއްރަހީމް ފާސްކޮށް ރައީސް ޔާމީން ތައްގަނޑު ޖަހާ ހުރިހާ އެއްޗެއް ގާނޫނަކަށް ނުވާނެ: ދިޔާނާ
މަޖިލީހުން ތަފާތު އެތަށް ކަމެއްކޮށް އެއީ ގާނޫނޭ ބުނަމުންދޭ
ވަކި އަމަލުތަކެއް ކުރުމަށް ފަހު އެކަންކަމުގައި ގާނޫނީ ކުލަ ޖެއްސުމުގެ މަސައްކަތް ވެސް ކުރޭ
12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ގަބޫލެއް ނުކުރަން

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު ޑްރާފްޓްކޮށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ފާސްކޮށް ރައީސް އަބްދުﷲ ޔާމީން ތައްގަނޑު ޖައްސަވާ ހުރިހާ އެއްޗެއް ގާނޫނަކަށް ނުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ހުއްޓުވާ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ، ފަހަކަށް އައިސް "ރައްޔިތުންގެ މަޖިލީހުން ތަފާތު އެތައް ކަމެއް ކޮށްފައި ދެން އެއޮތީ ގާނޫނެއް ފާސްކޮށްފައޭ ބުނާ މަންޒަރު ފެންނަ" ކަމަށާއި ކަނޑައެޅިގެން އިންސާފުގެ އުސޫލުތަކާ ހިލާފަށް އެތަށް ކަމެއް ކުރުމަށް ފަހު އެކަންކަމުގައި ގާނޫނީ ކުލަ ޖައްސަން އުޅޭ މަންޒަރު މިހާރު ފެންނަ ކަމަށެވެ. ދިޔާނާ ވިދާޅުވީ، މަޖިލީހުގެ ތެރެއިންނާއި ކޯޓުތަކުން ވެސް މިފަދަ އަމަލުތައް ހިނގަމުންދާ މަންޒަރު ފެންނަ ކަމަށެވެ. މަޖިލީހުން ފާސްކުރާ ހުރިހާ ގާނޫނަކަށް ތަބާވަން ޖެހޭނެ ކަމާ މެދު ދިޔާނާ ވަނީ ސުވާލު އުފައްދާފަ އެވެ.

"މިސާލަކަށް ރައްޔިތުންގެ މަޖިލީހުން މިނިންމަނީ ރާއްޖޭގެ ހުރިހާ ދެކުނުގެ އަތޮޅުތަކުގައި އުޅޭނީ އަޅުންތަކެކޭ. ނުވަތަ ބާންދީންތަކެކޭ. މިއަށް އަމަލުކުރަންޖެހޭނެ ތޯ. ނުވަތަ އުމުރުން 25 އަހަރާއި 30 އަހަރާއި މީހުންނަށް ވޯޓް ނުލެވޭނެ ކަމަށް ފާސްކޮށްފި ނަމަ އެއަށް އަމަލު ކުރަންޖެހޭނެތޯ. މިކަން ތަސްދީގު ކުރިއަސް އަމަލުކުރަންޖެހޭނެ ތޯ،" ދިޔާނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުން ވެސް ގާނޫނީ ވަކީލުން ގާނޫނެއް ނޫނެކޭ ބުނެ ވާހަކަދައްކަނީ އެފާސްކުރާ ކަންކަމަކީ މަޖިލީހުގެ އިޖުރާއަތްތައް ފަހަނައަޅައި އުސޫލުން ބޭރުން ނުވަތަ ގާނޫނުގެ އަހްލާގިއްޔަތާ ހިލާފަށް ފާސްކުރާ ގާނޫނުތަކަކަށްވާތީ ކަމަށެވެ. މިފަދަ ކަންކަމަކީ ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން ދިޔާނާ ވިދާޅުވީ، ގާނޫނެއްގެ ކިބައިގައި އާންމު ހުރިހާ ފަރާތްތަކަށް އަމަލު ކުރެވެން ޖެހޭ އެއްޗަކަށްވާ އިރު އެސިފަ މި ގާނޫނުން ގެއްލިގެންދާ ކަމަށެވެ. އެހެން ނަމަވެސް ވަކި ބަޔަކަށް އަމާޒުކޮށްގެން ވަކި ބަޔަކަށް ލަނޑެއް ދޭން ހަދާ އެއްޗަކަށް ގާނޫނެއް ވެގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހާއްސަ މަޖިލީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރެވޭ މަޖިލީސް މެންބަރުން ޕާޓީ ބަދަލުކޮށް، ނުވަތަ ރައްޔިތުން ހިންހަމަނުޖެހޭ ކަމަކާ ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލުވާލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ ގާނޫނެއް އެކުލަވާލުމާ ގުޅޭ ގޮތުން ބަހުސް ކުރެވުނު. އެހެންނަމަވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުން ނިންމީ އެފަދަ މާއްދާއެއް ގާނޫނުއަސާސީގައި ނުހިމަނަން. ސަބަބަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި އަބަދު އަބަދު މަޖިލީސް މެންބަރުން ވަކިކޮށް މެންބަރުން ހޮވުމުގެ މަސައްކަތް ކޮށްފި ކަމުގައިވާ ނަމަ މަޖިލީހުގެ ސްޓެބިލިޓީ ގެއްލިދާނެތީ،" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށާއި އެ މެންބަރުންނަކީ އަދިވެސް މަޖިލީހުގެ މެންބަރުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވެސް މި މައްސަލަ ނިންމުމުގައި އިންސާފުވެރި ކަމާ އެކު ހުކުމެއް ނެރޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް