ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 22:40
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް
މުރުޝިދް އަބްދުލް ހަކީީމް
އެމްޑީޕީ ޕީޖީ ލީޑަރު އިބޫ
މިއަދުވެސް މާދަމާ ވެސް ކުރަންވީ ކަމަކީ ރައީސް ޔާމީން ވެރިކަމުން ބޭލުމުގެ މަސައްކަތް: އިބޫ
ޒުވާނުން މި މަސައްކަތަށް ނިކުންނަންޖެހޭ، ސިޔާދު ޤާސިމް އަދި މަހުލޫފްގެ ކިބައިން ހިތްވަރު ލިބެންޖެހޭ
ޖަލުގައި ހުންނެވިއިރު އިތުރު އުއްމީދެއް ލިބުނު، މި މަސައްކަތުގައި ކުރިއަށްދާން އިތުރު ހިތްވަރެއް ލިބުނު
95% ފުލުހުން ބޭނުންވަނީ ވެރިކަން ބަދަލުކުރަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ވެސް މާދަމާ ވެސް ކުރަންވީ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް ދިވެހި ރައްޔިތުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކަންކަމުގެ ވާހަކަ އާއި ކޮރަޕްޝަނާއި ޖަރީމާތަކުގެ ވާހަކަ ދައްކަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"ސަރުކަރުން ވައްކަންކުރާކަމުގައި ވާނަމަ އެ ވާހަކަ އަޅުގަނޑުމެން ދައްކާނަން. ސަރުކާރުން އައިޖީއެމްއެޗްގެ އިމާރަތް އެޅުމުގައި ކޮރަޕްޝަން ގެންގުޅޭ ކަމުގައިވާ ނަމަ އެ ވާހަކަ ވެސް އަޅުގަނޑުމެން ދައްކާނަން. ކަންތައްތައް އިސްލާހުކޮށް ރަނގަޅުކުރުމަށް ރައްޔިތުން ހަވާލުކޮށްފައި ވަނީ އަޅުގަނޑުމެންނާއި، އެކަން އަޅުގަނޑުމެން މެދުކެނޑުމެއް ނެތި ކުރަންޖެހޭ. އަޅުގަނޑު މިއަދު ވެސް މި ހުރީ ސާބިތުކަމާއެކުގައި،" އިބޫ ވިދާޅުވިއެވެ.

ޖަލުގައި ހުންނެވިއިރު އިތުރު އުންމީދެއް ލިބިވަޑައިގެންނެވި ކަމަށާއި، އިސްލާހީ މަސައްކަތުގައި ކުރިއަށްވަޑައިގަތުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރަން ފެށި މަސައްކަތް ނިންމަންވެއްޖެކަމުގެ އިތުރު ސިގްނަލެއް އަޅުގަނޑަށް ލިބުނު. އިތުރަށް މި މަސައްކަތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބުނު. އަޅުގަނޑު އޮތީ 8 ނަމްބަރު ގޮޅީގައި. ދޫނިދޫގެ ގޮޅިތަކުން "ބާއްޖަވެރި ހެނދުނެއް" އެ މެސެޖު ހެނދުނު ވުމާއެކު ލިބެމުންދިޔަ. އެ މެސެޖު ދެމުންގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިލްހާމް އަހުމަދު. އަޅުގަނޑު ކުރިމަތީގައި އޮތް ގޮޅީގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު. ދެންޖެހިގެން އޮތް ގޮޅީގައި އޮންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް. ގޮޅިތަކުގައި ތިއްބެވި ބޭފުޅުން ދިން މެސެޖަކީ ހިތްވަރާ އެކު ކުރިއަށްދިޔުމަށް ދިން މެސެޖް. އެބޭފުޅުން ތިބީ ސާބިތުކަމާ އެކުގައި ކަމަށް ތަކުރާރުކޮށް އަޅުގަނޑަށް އެބޭފުޅުން ދަންނަވަމުންގެންދިޔަ،" ޖަލުގައި ހޭދަ ކުރި ދުވަސްތަކުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އިބޫ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަނލުން ސިޔާދު ގާސިމް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ފަދަ ބޭފުޅުންގެ ކިބައިން ހިތްވަރު ލިބިގަނެގެން އިސްލާހީ މަސައްކަތުގައި ބައިވެރިވުމަށް ޒުވާނުން ނުކުންނަން ޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

"މި މަސައްކަތުގައި އިސްކޮށް ޒުވާނުން ނިކުމެ މަސައްކަތް ކުރަންޖެހޭ، ޤައުމު ސަލާމަތްކުރުމަށް ޒުވާނުންގެ ބައިވެރިވުން މުހިންމު. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަދި ސިޔާދު ޤާސިމްގެ ކިބައިން ހިތްވަރު ލިބެންޖެހޭ. އަޅުގަނޑާއި ޖަލުން ބައްދަލުވި މީހުންގެ ތެރެއިން އެންމެ ހިތްވަރު ގަދަ ބޭފުޅަކަށްދިމާވީ ސިޔާދު ޤާސިމާ. ވިދާޅުވީ ބައްޕަ އެ ކުރައްވަނީ ރަނގަޅު މަސައްކަތްކަމަށް ގަބޫލުކުރައްވާ ކަމަށް. އަޅުގަނޑު ހައްޔަރުކޮށް، ޖަލުގައި ގެންގުޅުނު މުއްދަތުގައި ގިނަ އަދަދެއްގެ ފުލުހުންނާއި އަޅުގަނޑާއި ބައްދަލުވި. ގިނަ ފުލުހުންތަކަކާއި ވާހަކަދެކެވުނު. ކޮންމެ ފުލުހަކު ވެސް އަޅުގަނދާ ހިއްސާކުރި ވާހަކަތަކުން އެނގޭ 95 ޕަސެންޓް ފުލުހުން މި ވެރިކަން ބަދަލުކުރަން ބޭނުންވާކަން" އިބޫ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް