ދ. ކުޑަހުވަދޫގައި މޫދަށް އެރި އުޅުނު އޯޓިޒަމް ކުއްޖަކު ގެބިގެން މަރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހުމަދު ޝާހް ވިދާޅުވީ އުމުރުން 17 އަހަރުގެ އަހުމަދު އަފްރާހް މަރުވެފައި އޮތްވާ ފެނިފައި ވަނީ ބުރާސްފަތި ދުވަހު 1:45 ހާއިރު ކަމަށެވެ. އޯޓިޒަމް ބަލި ހުންނަ އެ ފިރިހެން ކުއްޖާ ގެއްލިގެން އެރަށުގެ ކައުންސިލަށް ރިޕޯޓް ކޮށްފައި ވަނީ ބުރާސްފަތި 11:30 ހާއިރުގައި ކަމަށާއި، ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކު އެ ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން އެ ކުއްޖާ ފެނުނީ ކުޑަހުވަދޫ ދެކުނު ފަރާތު ވިލުތެރެއިން މަރުވެފައި އޮއްވާ ކަމަށް ޝާހް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އެކުއްޖާ މޫދަށް ދިޔައީ އެކަންޏެވެ. މިކަމާ ބެހޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.