ބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ހައިކޯޓަށް ހާޒިރުކޮށް ލިޔުންތައް ހަވާލުކޮށްފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާން އަހްމަދު މަހްލޫފްގެ ޤާނޫނީ ވަކީލް ނާޒިމް ޢަބްދުއްސައްތާރު ރާއްޖެ އެމްވީއަށް ވިދާޅުވީ މަހްލޫފް ބުރާސްފަތި ދުވަހު ހައިކޯޓަށް ގެންނަ ކަމަށް ދޫނިދޫ ނަމްބަރަކުން ގުޅާފައި ބުނި ކަމަށެވެ. އޭގެ ފަހުން ސާފުކުރި މައުލޫމާތާ ހަވާލާ ދެއްވައި ނާޒިމް ވިދާޅުވީ މަހްލޫފް ހައިކޯޓަށް ހާޒިރުކޮށްފައި ވަނީ މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަވާލު ކުރުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ހައިކޯޓުން އެގޮތަށް ޢަމަލް ކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކަމަށާއި އެޤާނޫނުގައި ބުނެފައިވާ ގޮތުން ލިޔެކިޔުންތައް ހަވާލު ކުރެވޭނީ ސީދާ އެމައްސަލަ ރައްދުވާ މީހާ އަތަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ މަހްލޫފަށް ގެނައީ ބުރާސްފަތި ދުވަހު ހެނދުނު 9:30 ހާއިރު ކަމަށާއި ލިޔުންތައް ހަވާލު ކުރުމަށް ފަހު އަނބުރާ އޭނާ ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ ބަންދަށް މިމަހުގެ 17 ވަނަ ދުވަހު ވަނީ 13 ދުވަސް ޖަހައިފައެވެ. ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ވެސް އެމައްސަލައެވެ.