ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ރާއްޖެޓީވީގެ މުވައްޒަފުންނަށް ފަރިވަޅުތަކާއި ހަދިޔާތައް ދެމުންނެވެ. މިހާތަނަށް އައިއިރު އެކި ރަށްރަށުން ދިން ހަދިޔާތަކާއި އެރުވި ފަރިވަޅުތަކުގެ އަދަދު ގުނާނުލެވޭނެހާ ގިނައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކޮންމެ ބަޔަކުވެސް އައިސް ދައްކަނީ ހަމަ އެއްވާހަކައެކެވެ. އެއީ "ތިޔަ ކުދިން ތިކުރާ ހިތްވަރަށް ހަމަ ސާބަހޭ" މިއެވެ. ކޮންމެ ބަޔަކުވެސް ރަށުން ފުރައިގެން އަންނަނީ ހަމަ އެއް މަޤްސަދުގައެވެ. އެއީ ރާއްޖެޓީވީގެ މުވައްޒަފުންނަށް ފަރިވަޅު އެރުވުމަށާއި ހަދިޔާތައް ދިނުމަށެވެ.
ފާއިތުވި މަހެއްހާ ދުވަހަށް ބަލާލިޔަސް ގިނަ ރަށްތަކަކުން ރާއްޖެޓީވީއަށް ވަނީ ފަރިވަޅުތައް އަރުވާ ހަދިޔާތައް ދީފައެވެ. އެގޮތުން ފަރިވަޅު އެރުވި އަދި ހަދިޔާތައް ދިން ބައެއް ރަށްތަކަކީ ކުރެންދޫ އާއި ދަނގެތީގެ އިތުރުން ފ. މަގޫދޫ އާއި އއ. ރަސްދޫއެވެ.
މިފަހަރު އަނެއްކާ ވެސް ނ. ކެނދިކުޅުދޫ އިންނާއި ބ. އޭދަފުށިން ވެސް ވަނީ ރާއްޖެޓީވީއަށް ފަރިވަޅުތައް އަރުވާ ހަދިޔާތައް ގެނެސްފައެވެ. އެމީހުންގެ ވާހަކަތަކުން ވެސް ދޭހަވާ އެއް ކަމަކީ ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ރާއްޖެޓީވީގެ މުވައްޒަފުން ދެކެ އެ ފަރާތްތަކުން އިންތިހާއަށް ލޯބިވާކަމެވެ. އެފަރާތްތަކުން ބުނި ގޮތުގައި ރާއްޖެޓީވީގެ މުވައްޒަފުންނަށް ނުހައްޤުން ދެވޭ ކޮންމެ އަނިޔާއަކީ އެމީހެއްގެ އާއިލީ މެމްބަރަކަށް އަނިޔާ ލިބުން ފަދަކަމެވެ. އެހާވެސް އެމީހުން ރާއްޖެޓީވީގެ މުވައްޒަފުން ދެކެ ލޯބިވެއެވެ. ރާއްޖެޓީވީގެ ޕްރޮގްރާމްސް ހެޑް އެންޑް ކޯޑިނޭޝަން އާމިރު ސާލިމާއި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ނުހައްޤުން ޖަލަށްލެވި އެގާރަ ދުވަސް ޖަލުގައި ހޭދަކުރަން ޖެހުމުން އެމީހުންނަށް ވެސް ހިތްދަތިކަން އިހުސާސްވި ކަމަށާއި ކެނޑިނޭޅި ދުޢާ ކުރަމުންދިޔައީ އެ ދެމީހުން މިނިވަން ވާނެ ދުވަހަކަށް ކަމުގައިވަނީ ބުނެފައެވެ. އަދި މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން އާމިރު އާއި ވިސާމް އާއި މިހާރު މިނިވަންވުމުން އުފާ ކުރާ ކަމަށް ވެސް އެމީހުން ބުންޏެވެ.
ރާއްޖެޓީވީ ދެކެ ލޯބިވާކަން ރައްޔިތުން އަންގައިދެނީ ހަމައެކަނި ދޭ ހަދިޔާތަކުންނެއް ނޫނެވެ. ބައެއް މީހުންގެ ބަހުން ވެސް ރާއްޖެޓީވީ ދެކެ ލޯބިވާކަން އަންގައިދެއެވެ. އެގޮތުން ބައެއް މީހުން ދޭ ހިތްވަރުގެ ބަސްތަކުންނާއި ބުރަކަށީގައި ފިރުމާލުމަށް ފަހު އެ ބުނާ ބަސްތަކަކީ ވެސް ނުހަނު އަގު ބޮޑު އެއްޗެކެވެ.
ގިނަ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުން ދެކެވާ ލޯތްބަކީ ހަމަގައިމު ވެސް އަގު ނުކުރެވޭހާ ބޮޑު އެއްޗެކެވެ. ރާއްޖެޓީވީގެ ނޫސްވެރިންނަށާއި މުވައްޒަފުންނަށް އިތުރު ހިތްވަރެއް ލިބި މަސައްކަތް ކުރުމުގެ ރޫހާ އާލާވެގެންދަނީ ހަމަ އެ ރައްޔިތުންގެ ފަރާތުން ލިބޭ ލޯތްބެއްގެ ބޮޑުކަމުންނާއި ހިތްވަރުގެ ބަސްތަކުންނެވެ.