ގިނަ ޤާނޫނީ ވަކީލުންތަކެއް ވެގެން ބޮޑު ޤާނޫނު އަސާސީއެއް ހަދައިގެން ގެންގޮސް ބަންޑާރަނައިބަށް ދޭން ޖެހުނު ސަބަބު މިހާރު ވަރަށް ބޮޑަށް ސާފުވާނެ ކަމަށް ޤާނޫނީ ވަކީލް ޢަބްދުﷲ ހަސީން ވިދާޅުވެއްޖެވެ.
ޖުޑިޝަރީގައި ހުރި މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ސަސްޕެންޑް ވެސް ކުރި ހަސީން، ބުދަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ވަކީލުން ބޮޑު ޤާނޫނު އަސާސީއެއް ހަދައިގެން ބަންޑާރަނައިބަށް ގެންދެވުމަކީ ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް ކަމަށާއި އެކަން ކުރި ސަބަބު މިއަދު ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ.
ބަންޑާރަނައިބު މުހައްމަދު އަނިލްއަށް އިޝާރާތް ކުރައްވައި ހަސީން ވިދާޅުވީ އެ ބޭފުޅާއަކީ ވެސް ޤާނޫނު ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ޤާނޫނު އަސާސީގައި އޮތްގޮތާއި ކަންކުރެވެމުންދާ ގޮތް ރަނގަޅު ނޫންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭޖީ ވެސް އެ އުޅުއްވަނީ ޟަމީރު ޤަބޫލްނުކުރާ ކަންތައްތަކެއް، ސިޔާސީ ނުފޫޒާ ހުރެ ހާމަ ނުކުރެއްވިގެން ކަމަށް ހަސީން ވިދާޅުވިއެވެ.
ހަސީން ވިދާޅުވީ ޤައުމަށްޓަކައި ކުރެވެން އޮތް އެންމެބޮޑު ކަމަކީ މިވަގުތު ހައްޤުބަސް ބުނުން ކަމަށާއި މީޑިއާތަކުގައި ވެސް، މަގުމަތީގައި ކުރެވޭ މުޒާހަރާތަކުގައި ވެސް އަދި ޖަލުގައި ތިބި ބަޔަކު ވެސް އެކުރައްވަނީ ޤައުމަށްޓަކައި އެބޭފުޅަކަށް ކުރެވެން އޮތް ކަމެއް ކަމަށެވެ. އެގޮތުން ވަކީލުން ވެސް ޤާނޫނީ ގޮތުން އޮތް ހައްޤު ގޮތް ބުނެދޭން ޖެހޭ ކަމަށާއި ފިޔަވަޅެއް އެޅިއަސް އެކަމަށް ފަސްޖެހިގެން ނުވާނެ ކަމަށެވެ.
ޤާނޫނީ ވަކީލުން ވެސް ތިބެނީ ހުވައެއް ކޮށްގެން ކަމަށާއި ސަސްޕެންޑްކޮށް ފިޔަވަޅެއް އެޅިއަސް އެހުވަޔަށް ތެދުވެރިވުން ހުއްޓާލައިގެން ނުވާނެ ކަމަށް ހަސީން ވިދާޅުވިއެވެ.
ހަސީން ވިދާޅުވީ ފަސް ފަނޑިޔާރުން ނެރުނު ހުކުމް ތަންފީޒް ނުކޮށް އެހުކުމުގެ ބައިތައް އުނިކުރަން ނެރުނު ހުކުމް ރަނގަޅުވެއްޖެ ކަމަށާއި އެކަމަކު ހަޤީގަތަކީ 1 ފެބްރުއަރީގެ ހުކުމް ރަނގަޅު ކަމަށެވެ. ނަމަވެސް އެހުކުމް ކަމުނުދިޔުމުން އެހުކުމުގެ ބައިތައް ރިވިއު ކުރުން އޯކޭ ކަމަށް ބުނާ ދައުލަތުން ހުކުމެއް ރިވިއު ނުކުރެވޭނެޔޭ ބުނުމަކީ ޖޯކެއް ކަމަށެވެ. ގޯހެއްގެ މައްޗަށް ދާނީ ގޯސް ހެދެމުން ކަމަށާއި ފެނިގެން މިދަނީ ޤާނޫނީ ގޮތުން ބޭރުވެފައި އޮތް ސަރުކާރެއް ޤާނޫނު ތެރެއަށް ނުވަދެވިގެން އުޅޭތަން ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ފަސް ފަނޑިޔާރުން ނެރުނު ހުކުމް ތަންފީޒް ކުރެވިގެން ކަމަށާއި އެނޫން އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ހަސީން ވިދާޅުވިއެވެ.