ބިދޭސީ މުވައްޒަފުން ރާއްޖެ ދޫކޮށް ދާއިރު، އެ މީހުންގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ލިބޭ ގޮތަށް ބިދޭސީންގެ ޕެންޝަނާ ބެހޭ ގަވާއިދަށް ބަދަލުތަކެއް ގެނެސް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފިއެވެ.
ޕެންޝަން އޮފީހުން އާއްމުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުގައި، ޕެންޝަން ދޭން ހަމަޖައްސާފައިވާ އުމުރުގެ ކުރިން ރާއްޖެ ދޫކޮށް ދާން ޖެހިއްޖެ ނަމަ، ދައުލަތުގެ މުވައްޒަފުންނަށް އެކްރޫޑް ޕެންޝަން ރައިޓްސްގެ ގޮތުގައި ރިޓަޔަރމަންޓް ސޭވިން އެކައުންޓަށް ޖަމާކުރާ ފައިސާ ފިޔަވައި، އެ ބިދޭސީ މުވައްޒަފެއްގެ ރިޓަޔަރމަންޓް ސޭވިން އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ދޭންޖެހޭނެއެވެ.
އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ނަމަ، ޖެނުއަރީ 1، 2015 އިން ފެށިގެން ޕެންޝަން ފަންޑުގައި ބައިވެރިވާ މުވައްޒަފުންނާއި ޖުލައި 1، 2016 ގެ ފަހުން އެ ފަންޑުގައި ބައިވެރިވެފައިވާ ބިދޭސީން ރާއްޖެ ދޫކޮށް ދިޔަކަމުގައި ވިއަސް ފެންޝަން ފަންޑުގައި ހުރި ފައިސާ ލިބޭނީ 65 އަހަރު ވުމުންނެވެ.
ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން ދިއުމުގެ ތިން މަސް ކުރިން، ޕެންޝަން ފައިސާ ހޯދަން ފޯމު ހުށަހަޅަންޖެހޭނެއެވެ. އަދި ފޯމު ހުށަހަޅާތާ 45 ދުވަސް ތެރޭގައި ފައިސާ ޖަމާކޮށްދޭންޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.