ކ. މާލެ
|
28 މާރޗް 2018 | ބުދަ 17:36
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން
މުހައްމަދު ޝަރުހާން
ރާއްޖެ - އައިޕީޔޫ
12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ: އައިޕީޔޫ
ދައުވާތައް އަނބުރާ ގެންދިޔުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ ގޮވާލާފައި
12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ
އެ މެމްބަރުންނަށް މަޖިލީހުގެ މަސައްކަތް ކުރެވޭނެ ގޮތް ހަދަންޖެހޭ

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ބުނެފިއެވެ.

އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ނިންމި ނިންމުންތަކާ އެކު ނެރުނު ގަރާރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ރާއްޖޭގެ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި އައިޕީޔޫއިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން 13 ޖުލައިގައި ނެރުނު އަމުރުގެ ކުރިން މެމްބަރުން ޕާޓީ އިން ވަކިވުމަށް ލިޔެކިޔުންތައް ހުށަހެޅި ކަމަށާއި ހަމައެހެންމެ އެންޓި ޑިފެކްޝަން ގާނޫނަކީ ކުރިން ހިނގާފައިވާ ކަންކަމަށް އޭގެ ސަބަބުން އަސަރުކުރާ ގާނޫނެއް ކަމަށެވެ. ހަމައެހެންމެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވެދާނެތީ ކަމަށް ވެސް އައިޕީޔޫއިން ބުނެފައިވެއެވެ. އެހެންކަމުން 12 މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށާއި އެ މެމްބަރުންނަށް މަޖިލީހުގެ މަސައްކަތް ކުރެވޭނެ ގޮތް ވީހާ ވެސް އަވަހަށް ފަހިކޮށްދިނުމަށް އައިޕީޔޫ އިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވުމުގެ ގޮތުން މަޖިލިސް މެމްބަރުން ގަދަ ކަމުން މަޖިލީހުގެ އިދާރައިން ނެރުނު މައްސަލައިގައި އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން މެމްބަރުން ވަން ކަމަށް ބުނެ އެތަކެއް މެމްބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށް ސަރުކާރުގެ އިދާރާތަކަށް އައިޕީޔޫއިން ވަނީ ގޮވާލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހައްޔަރުކޮށް އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްޗަށް މިހާރު ހިންގަމުންދާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މެމްބަރުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ވެސް އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައިޕީޔޫ އިން ވަނީ ހުރިހާ މެމްބަރުންނަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށާއި ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހޭނީ ސާފު ހެއްކާ އެކު ކަމަށް ބުނެފައެވެ. މެމްބަރުންގެ މައްޗަށް ހިންގާ ޝަރީއަތްތައް އޮބްޒާވް ކުރުމަށް އޮބްޒާވަރެއް ފޮނުމަށް ވިސްނަމުންދާ ކަމަށް ވެސް އައިޕީޔޫއިން ވަނީ ބުނެފައެވެ.

ހައްޔަރުކުރެވިފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ލިބިފައިވާ ބައެއް މައުލޫމާތުތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށާއި އެ މެމްބަރުންނާ ބައްދަލުނުކުރެވުމުން އައިޕީޔޫ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހައްޔަރުކުރެވިފައި ތިބި މެމްބަރުންނަށް ލިބެން ޖެހޭ ހުރިހާ ހައްގުތަކެއް ކަށަވަރުވާން ޖެހޭ ކަމަށް ވެސް އައިޕީޔޫއިން ވަނީ ބުނެފައެވެ.

ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ކަންކަން ނިންމަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާގެ އުސޫލުން ކަންކަން ނުނިންމޭ ކަމަށް ބުނެ އައިޕީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް މަޖިލީހުގެ ކަންކަން ކުރިޔަށް ގެންދަން ޖެހޭނެ ކަމަށާއި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމަށް ހުރިހާ ފަރާތްތަކަށް އައިޕީޔޫއިން ވަނީ އިލްތިމާސްކޮށްފައެވެ. އައިޕީޔޫއިން ފާހަގަކޮށްފައިވާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މަޖިލީހުން އިތުރުކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް މެމްބަރުން އަންނަނީ ބުނަމުންނެވެ.  

އައިޕީޔޫއިން ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރިހާ އިދާރާކަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 މާރޗް 2018 | ބުދަ 14:28
ހ މ ޒ
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކާއި ނުބެހޭނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ؟
28 މާރޗް 2018 | ބުދަ 13:22
ޓިނު ގެ ވަގު& ދޮންކެޔޮ
މިސަރުކަރުން މިހާރު ބުނާނެ އައިޕީޔޫ އަކީ ވެސްބާޚީންނޭ. އައިޕީޔޫ އައް ޓެރެރިޒަމް ދައުވާނުކޮއްފިއްޔާ ރަގަޅު. ބޭރުބަޔަކައް ރާއްޖޭގަ ކަންކަމާއި ނުބެހެވޭނެޔޯ؟ އައިޕީޔޫ އާއި ވާހަކަ ދެއްކުމައް ފޮނުވަން ޖެހެނީ އަބުދުލްރަހީމް އާއި ނިޙާނު. . ދެން ކީކޭބުނާނީ؟؟؟؟؟؟؟