ބްރޯޑްކާސްޓް މެދުކަނޑާލި ކަމަށް ބުނެ ރާއްޖެ ޓީވީ 2،000ރ. އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓްގައި މިއަދު ތާވަލުކޮށްފައި ވާއިރު އެ މައްސަލާގައި ދައުލަތުގެ ފަރާތުން އެދުނީ ޝަރީއަތަށް ފޮނުވައިގެން މައްސަލަ ނިންމުމަށެވެ.
އެ މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލުކުރަން ރާއްޖެ ޓީވީން ބޭނުންވި ނަމަވެސް ދައުލަތުގެ ފަރާތުން އެ މައްސަލަ އެ ގޮތަށް ހައްލުކުރާކަށް ބޭނުމެއް ނުވިއެވެ. ދައުލަތުން އެދުނު ގޮތަށް ޝަރިއަތުން މައްސަލަ ނިންމެންދެން ޖޫރިމަނާ ދެއްކުން މަޑުޖައްސާލުމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރާއްޖެ ޓީވީން ހުށަހެޅުމުން އެކަމަށް ވެސް ދައުލަތުން އެއްބަހެއް ނުވި އެވެ.
ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި "ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި ވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކޮށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް އަޑާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރު ދުރަށް ފެތުރުމަށެވެ. ރާއްޖެ ޓީވީން އެންމެ ހިނދުކޮޅަކަށް ވެސް މި ހިދުމަތް މެދުކަނޑާލާފައި ނުވާ ކަމަށް އެ ސްޓޭޝަނުން ބުނެއެވެ.
އެ ސްޓޭޝަނުން ބުނި ގޮތުގައި އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ ރާއްޖެޓީވީ އަށް ފެބްރުއަރީ 8 ގައި ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީއެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ، ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ދެއްކުން މެދުކަނޑާލުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. ބްރޯޑްކާސްޓްކުރުން ކުރިއެރުވުމަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާއަކަށް ވިޔަސް، އެ ޒިންމާ ކޮމިޝަނުން އަދާނުކޮށް، ކުރަމުންދާ މަސައްކަތަކީ ޖޫރިމަނާކޮށް ބޮޑެތި ފިޔަވަޅުތައް އެޅުން ކަމަށް ރާއްޖެ ޓީވީން ބުނެފައިވެ އެވެ.