ކ. މާލެ
|
28 މާރޗް 2018 | ބުދަ 12:42
ނާޒިމް: ދަރަނީގެ މައްސަލައެއް ވަނީ ސާބިތުވެފައި
ނާޒިމް: ދަރަނީގެ މައްސަލައެއް ވަނީ ސާބިތުވެފައި
ޓްވިޓަރ
ކުރީގެ މެންބަރު ނާޒިމް
ދެ މިލިއަނެއްހާ ރުފިޔާގެ ދަރަނީގެ މައްސަލައެއް ނާޒިމްގެ މައްޗަށް ސާބިތުވެއްޖެ
މިއަހަރުގެ ނިމުމުގެ ކުރިން ދަރަނި ދައްކަންޖެހޭ
މި މަހުގެ ނިޔަލަށް ހަތަރު ލައްކަ ދައްކަންޖެހޭ
ރަހުނަށް ބެހެއްޓި ތަކެތި ބޭނުންކުރުމުގެ ހުއްދައަށް އެދެނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވެ، މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަނެއްއާ ރުފިޔާ މޮރިޝަސް ކޮމާޝަލް ބޭންކަށް ދައްކަން ޖެހިއްޖެ އެވެ.

މަކަރާއި ހީލަތް ހެދިކަމުގެ ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހޭ ނާޒިމް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެ ވަޑައިނުގަންނަވާތާ ދެ އަހަރު ވަނީ ވެފައެވެ.

ނާޒިމްގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ 1.5 މިލިއަން ރުފިޔާގެ ކްރެޑިޓް ފެސިލިޓީއެއް މޮރިޝަސް ކޮމާޝަލް ބޭންކުން ނާޒިމަށް ދޫކޮށްފައިވާ ކަމަށާއި އެއްބަސްވެފައިވާ ގޮތަށް ކްރެޑިޓް ފެސިލިޓީ ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާއާއެކު 1.9 މިލިއަން އޭނާ ދައްކަންޖެހޭ ކަމަށެވެ. ނާޒިމަށް އެ ކްރެޑިޓް ފެސިލިޓީ ދޫކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި 24ގައި ކަމަށާއި ދަރަނި ދައްކައި ހަލާސް ނުކޮށްފިނަމަ، ރަހުނުގެ ގޮތުގައި ބެހެއްޓި ތަކެތީގެ މައްޗަށް ބާރު ހިންގުމުގެ ހުއްދައަށް އެދުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.

ސާބިތުވި ދަރަނީގެ މައްސަލައިގައި ބުނެފައި ވަނީ ނާޒިމް ނެންގެވި ކްރެޑިޓް ފެސިލިޓީއަށް ދައްކަންޖެހޭ އެންމެހާ ފައިސާ އަދާކޮށްދިނުމުގެ ގޮތުން މި މަހުގެ ނިޔަލަށް 400،556 ރުފިޔާ ދެއްކުމަށާއި އަންނަ މަހުން ފެށިގެން، ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ގޮސް މިއަހަރުގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށެވެ.

ކްރެޑިޓް ފެސިލިޓީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ނާޒިމް ނަންގަވާފައި ވަނީ ރަހުނުގެ ގޮތުގައި ކޮންއެއްޗެއް ބެހެއްޓެވުމަށްފަހު ކަމެއް ހުކުމްގައި ބުނެފައި ނުވެއެވެ. ހުކުމްގައި ބުނެފައި ވަނީ ނާޒިމް ބޭންކުގައި ބެހެއްޓި ރަހުނަށް ތަސައްރަފު ކުރަންޖެހިއްޖެ ހާލަތެއްގައި އެކަމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ މައްސަލަތައް ވަކިން ހުށަހެޅުމުގެ ހައްގު އެ ބޭންކަށް ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 މާރޗް 2018 | ބުރާސްފަތި 12:59
އިގިރޭސިވިލާރުން
އިގިރޭސިވިލާރުން ބޭރުކުރީމަތަ އެއައީ