ކ. މާލެ
|
28 މާރޗް 2018 | ބުދަ 12:16
އެމްޓީސީސީ އާއި ސްޓެލްކޯ އާއި މިފްކޯ އިން 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ
އެމްޓީސީސީ އާއި ސްޓެލްކޯ އާއި މިފްކޯ އިން 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ
ސޯޝަލް މީޑިއާ
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތަކަށް ދީފައި ހުރި ލޯނުތަކުން ނުދައްކާ ފައިސާ 500 މިލިއަން ރުފިޔާއަށް އަރާ
މިފްކޯ އިން 250 މިލިއަން ރުފިޔާ ސަރުކާރުން ދައްކަންޖެހޭ
312 މިލިއަން ރުފިޔާ ސްޓެލްކޯ އިން ދައުލަތަށް ދައްކަންޖެހޭ
އެމްޓީސީސީން 22.9 މިލިއަން ރުފިޔާ ދައްކަންޖެހޭ

ފިނޭންސް މިނިސްޓްރީން ސަރުކާރު ކުންފުނިތަކަށް ދީފައިވާ ލޯންތަކުގެ ތެރެއިން ދައުލަތަށް ނުލިބި 500 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފަޅާއަރައިފި އެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން 2013 ވަނަ އަހަރުގެ ޕަބްލިކް ޑެޓް ނުވަތަ ދައުލަތުގެ ދަރަންޏާއި ގުޅޭ ގޮތުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު މާލީ މުއާމަލާތްތައް ހިންގުމުގައި ފާހަގަކުރެވުނު ކަންކަން ވަނީ ހިމަނާފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ތަފާތު އެކި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވާ ކަން ވަނީ ފާހަގަކޮށްފަ އެވެ. މިގޮތަށް ދޫކުރާ ލޯންތަކަކީ ކާމިޔާބު މުއާމަލާތްތަކަށް ބެލެވޭނީ އެފައިސާ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ލިބި ކޭޝް ފްލޯ އާއި ސަރުކާރުގެ ބަޖެޓަށް އަސަރު ނުކުރާ ކަމުގައިވާނަމަ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އެހެން ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ހާމަކުރެ އެވެ. މިގޮތަށް ފައިސާ ނުދެއްކުމުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މި ލޯންތަކަށް ފައިސާ ދައްކަން ޖެހުނުކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އޮޑިޓް އޮފީހުން ބުނީ 2013  ވަނަ އަހަރު ނިމުނު އިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައްކަން ޖެހޭ 589 މިލިއަން ރުފިޔާ ނުދައްކާ ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތަށް ފައިސާ ނުދައްކައިވަނީ ލޯން ނަގައިގެން އިންވެސްޓް ކުރާ ކަންކަމުން ފައިދާ ނުވުމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހިމެނެ އެވެ.

އެގޮތުން މިފްކޯ އިން 1992 ވަނަ އަހަރާއި 2000 ވަނަ އަހަރާއި 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު  ނެގި ލޯނެއް ވެސް ހިމެނެ އެވެ. ސްޓެލްކޯ އިން ނަގާފައިވާ ލޯންތަކުގެ ތެރެއިން 1988 ވަނަ އަހަރުން 1998 ވަނަ އަހަރާއި ހަމައަށް ނަގާފައިވާ ލޯންތަކުން ފައިސާ ނުދައްކާ ހުރިކަން ވަނީ ހާމަވެފަ އެވެ.

މީގެ އިތުރުން އެމްޓީސީސީން 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ނަގާފައިވާ ލޯންތައްވެސް ހިމެނެ އެވެ.

މިފްކޯ އިން ނަގާފައިވާ ލޯންތަކުގެ ތެރެއިން ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަންޖެހި ނުދައްކާ ހުރި އިރު، 312 މިލިއަން ރުފިޔާ ސްޓެލްކޯ އިން ދައުލަތައް ދައްކަންޖެހި ނުދައްކާވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން އެމްޓީސީސީން ގާތްގަނޑަކަށް 22.9 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަންޖެހިފައިވެ އެވެ.

 ގިނަ އަދަދެއްގެ ފައިސާ ސަރުކާރުން ނެގުމަށް ފަހު އަނބުރާ ނުދެއްކައި އޮތުމާގުޅޭ ގޮތުން އޮޑިޓް އޮފީހުން ބުނީ ފިނޭންސް މިނިސްޓްރީން ޕްރޮޖެކްޓްތައް ހިންގުމަށް ފައިސާ ދޭ އިރު އެ ޕްރޮޖެކްޓްތަކަކީ ފައިސާ އަނބުރާ ލިބޭނެ ފަދަ އިންވެސްޓްމެންޓްތަކެއްތޯ ކުރިއާލާ ބަލާ އެ ޕްރޮޖެކްޓްތައް މޮނީޓަރ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ނުދައްކާ ކަމުގައިވާ ނަމަ، އެފައިސާއެއް ހޯދުމަށް އަންގާ، ފައިސާ ހޯދުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 މާރޗް 2018 | ބުދަ 11:59
ފަސީ
އެފައިސާ މިފައިސާ، އެޖާޑީގަ ހުރި ފައިސާ، މިޖާޑީގަ ހުރި ފައިސާ، މިއީ އަދި އެރައީސަށް އެނގިފައިނުވާ ފައިސާ. މިކަން އެނގޭނަމަ މިފައިސާ ފަހަތުން ދުވަން ފަށާނެ