ކ. މާލެ
|
28 މާރޗް 2018 | ބުދަ 04:22
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
މިހާރު
އިންޓެލިޖެންސް ރިޕޯޓު
އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ ތަހުޤީގުގައި ނުވެސް އަހާނެ: ޝިފާޒް
އިންޓެލް ރިޕޯޓެއް އެބައޮތޭ ބުނެ ހައްޔަރުކުރާ މީހުން ދޫކޮށްލުމަށް ކޯޓުން ހުކުމް ކުރަނީ ހެކި ނެތިގެން
އިހްމާލުވާ ވެރިންނާމެދު ފިޔަވަޅު އެޅޭނެ
ރައީސް ޔާމީނަށް ތާއީދެއް ނެތް

އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކޮށް ބަންދުކުރި ނަމަވެސް، އެފަދަ މައްސަލަތަކުގައިވެސް ތަހުޤީގުގައި އިންޓެލިޖެންސް ރިޕޯޓުގެ ނަންވެސް ނުގަންނަކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޝިފާޒު ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓު އޮތް ގޮތަށް ހައްޔަރުކުރާ މީހާއަށް ދައްކަން ނުޖެހިދާނެކަމަށާއި، އެހެން ނަމަވެސް އޭގެ ވާހަކަ ދެކެވެން ޖެހޭނެކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ވާހަކައެއް ތަހުޤީގުގައި ފުލުހުން ނާހާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާޒު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ބައެއް ފަރާތްތައް ހައްޔަރުކޮށް ބަންދުކުރި ނަމަވެސް، އެކަށީގެންވާ ހެކި ނެތިގެން އެފަރާތްތައް ދޫކޮށްލުމަށް ކޯޓުން އަމުރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ބައެއް ޤާނޫނީ ފަރާތްތަކުން ބުނާ ގޮތުގައި އިންޓެލިޖެންސް ރިޕޯޓަކީ ތަހުޤީޤުގައި ބޭނުންކުރި ނަމަވެސް ހެއްކެއްގެ ގޮތުގައި ޝަރުޢީ މަރުޙަލާގައި ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. 

"ކޯޓުން ނުވަތަ ކޯޓަށް ނުގެންގޮސް ނަމަވެސް, ބަންދުގެ މަރުޙަލާ ނިމުމަށްފަހު އާއިލާއާއިއެކު އުޅެން ފުރުސަތު މި ލިބޭ މީހުން ގާތު އައްސަވާ ބައްލަވާ ކިހިނެއްތޯ، ކޮން ތަހުޤީގެއްތޯ ހިންގެވީ؟ ކޯޓުގައި އެބޭފުޅުން އެދައްކަވާ އިންޓެލިޖެންސް ރިޕޯޓް ފެނުނުތޯ؟ ފަހަރެއްގައި ނުފެންނަ އެއްޗަކަށް ވާން ޖެހިދާނެ. އެކަމަކު އޭގެ ވާހަކަ ދެއްކިތޯ ތަހުޤީޤު ކުރައްވާ ބޭފުޅުން. ނޯންނާނެ،" ޝިފާޒް ވިދާޅުވިއެވެ. 

 ފުލުހުން އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކުރުމަށް ފަހު ބައެއް ފަރާތްތަކާއި ސުވާލުކުރަނީ މުޅީން އެހެން ކަމަކާއި ގުޅޭ ގޮތުން ކަމަށް ހައްޔަރުކުރެވެނު ބައެއް ފަރާތްތަކުން ބުނެއެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރެއިން މަހަކަށްވުރެ ގިނަ ދުވަހު ޝިފާޒް ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓިއިރު، މާބޮޑު ތަހުޤީޤެއް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ ކަންކަމަށް އިޝާރާތްކުރައްވައި ޝިފާޒް ވިދާޅުވީ ތަކުރާރުކޮށް އެކަންކަން ވާން ކެތްކޮށްގެން ގުޅިފައިވާ ޕާޓީތަކުން ނުތިބޭނެ ކަމަށެވެ. އަދި ސިޔާސީ ފަރާތްތައް ހައްޔަރުކުރާ ފަރާތްތަކާއި، ހައްޔަރުކުރެވޭ ފަރާތްތަކަށް އިހާނެތިކޮށް ކަންތައްކުރާ ފަރާތްތަކާއި، އަދި މިހިނގަމުންދާ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަކީ ކޮބައިކަން އެނގޭ ކަމަށާއި، އެފަރާތްތަކުގެ މައްސަލަތައް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.

"އެބޭބޭފުޅުންގެ އޯޑަރަށް އަޅުގަނޑުމެން ހައްޔަރުކޮށްގެން އަޅުގަނޑުމެންނާއި ދޭތެރޭ ހިންގާ ކަންކަމުގަ ބަރުދަން ހުރި މިންވަރު އަޅުގަނޑުމެން ބަލަމުންދަން. އެބޭފުޅުންގެ އިހުމާލު އަޅުގަނޑުމެން ހޯދާނަން. ދެނެގަންނާނަން. އެކަންކަމުގައި އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. ދާން ޖެހުނު ހުރިހާ މުއައްސަސާތަކަކަށް ދާނަން. އެއީ އެއްގޮތަކަށްވެސް އަދި މިއަދު އެއަށް އިންސާފު ލިބިދާނެކަމަށް ދެކިގެނެއް ނޫން. އެހެން ނަމަވެސް މާދަމާ އިންސާފު ލިބޭނެކަން ޔަޤީންވާތީ އަޅުގަނޑުމެން އެބަޖެހޭ މިހާރު އިޖުރާޢަތުތައް ފުރިހަމަކޮށްފައި ބަހައްޓަން."

ޝިފާޒް ވިދާޅުވީ އިންޓަގްރިޓީ ކޮމިޝަން ފަދަ މުއައްސަސާތަކުގައި ތިއްބަވައި، އިހުމާލުވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ. 

މީގެ އިތުރުން ޝިފާޒް ވިދާޅުވީ ރައީސް ޔާމީނަށް ރަށްރަށުގައި ތާޢިދެއް ނެތްކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ރަށްރަށަށް ދިޔުމުން، ރައީސް ޔާމީނަށް ތާޢިދު އޮތްކަން ދައްކަން ލައުޑްސްޕީކަރުން ރައީސް ޔާމީނަށް ތާޢީދު އެބައޮތޭ ކިޔައި ލަވަތައް ޖަހާކަމަށާއި، އެހެންނަމަވެސް ރައީސް ޔާމީނަށް ތާޢީދުކުރަމޭ ކިޔައި ނިކުންނާނެ ދިވެހި ރައްޔިތަކު ނުވާކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް