ކުރީގެ ރައީސް މައުމޫން ބަންދުކުރިތާ 50 ދުވަސް މިއަދަށް ފުރިފައިވާއިރު ގިނިކަންޏާ ވިއަސް ފަހަތަށް ޖެހިވަޑައިނުގެން އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވަނިކޮށް އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އެހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ގާނުނީ ވަކީލު މައުމޫން ހަމީދު މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.
މައުމޫން ހަމީދު ވިދާޅުވީ އަނިޔާވެރިކަމާއި ބޭއިންސާފުގެ ކުރިމަތީގައި ރައީސް މައުމޫން ހުންނެވީ ސާބިތުކަމާ އެކު ކަމަށެވެ.
Met with Pres. @maumoonagayoom at Dhoonidhoo this morning.
— Maumoon Hameed (@maanhameed) March 27, 2018
Despite this being his 50th consecutive day in jail, he remains resolute in the face of manifest injustice & oppression.
His message remains, "Ehen ekaku nethas, islaahee masakkathuga alhugandu dhemihunnaanan!"
ކުއްލި ހާލަތު އިއުލާންކޮށް ފެބުރުއަރީ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށް ބަންދުގައި ބެހެއްޓިތާ 50 ދުވަސް ވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ދަނީ އެމަނިކުފާނު މިނިވަން ކުރުމަށް ކެނޑި ނޭޅި ގޮވާލަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް މައުމޫންގެ ކުށަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއީދު ނުކުރެއްވުމެވެ.
ރައީސް މައުމޫން ބަންދުކޮށްފައިވާތާ 50 ދުވަސްވެފައިވާއިރު އެމަނިކުފާނު މިހާރު ބަންދުގައި ހުންނެވީ އެމަނިކުފާނާ މެދު ކުރެވޭ ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުންނެވެ. އަދި ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.