ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 16:26
ުއުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު އަނިލް ބައްދަލު ކުރައްވަނީ
ުއުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު އަނިލް ބައްދަލު ކުރައްވަނީ
ޓްވިޓަރ
ސުޕްރީމް ކޯޓު
އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅިގެން އަމުރު ބާތިލް ކުރާކަށް ނުޖެހޭ: ސުޕްރީމް ކޯޓު
އެކެއް ފެބްރުއަރީގެ ހުކުމް ބާތިލް ކުރަން އެދުނީ ތުހްމަތުތަކާ ގުޅިގެން
ޖިނާއީ މައްސަލައެއްގެ ތުހްމަތުގައި ކުރިން ނެރެފައިވާ އަމުރެއް ބާތިލްނުވާނެ ކަމަށް ކަނޑައެޅުއްވި

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިފައިގެން ނެރުނު އަމުރެއް ކަމަށް ފުލުހުންގެ ތަހްގީގުން ސާބިތުވާ ކަމަށް ކަނޑައަޅައި އެމީހުންގެ މައްޗަށް ދައުވާކޮށްފައިވީ ނަމަވެސް އެ އަމުރު ބާތިލް ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގައި މިހާރު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ނިންމަވައިފިއެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްދިނުމަށް ހުށަހަޅުއްވާ މައްސަލާގައި އަންގާރަ ދުވަހުގެ ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅިގެން އެ އަމުރަކީ ބާތިލް އަމުރެއް ކަމަށް ކަނޑައަޅައިދޭން އެދިވަޑައިގެންފައެވެ.

ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ މައާޝާ ލުތުފީ ވިދާޅުވީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތު ހިފައި، ގާނޫނީ ސަރުކާރު ވައްޓާލުމުގެ ނިޔަތެއް އޮވެ، އެހެން ފަނޑިޔާރުންނަށް އެކަން އޮޅުވާލައިގެން ފުލުހުންގެ ތަހްގީގުން އެނގޭތީ އެކަމާ ގުޅިގެން އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭރު ނެރުނު އެ އަމުރު ވެސް ގާނޫނީ ގޮތުން ބާތިލްވާނެ ކަމަށް ދައުލަތުން ދެކޭ ކަމަށެވެ. އަދި އެ އަމުރު ނެރުނީ އޭރުގެ ޕޮލިސް ކޮމިޝަރު އަހްމަދު އަރީފަށް ވެސް ކުރިން އަންގައި އެކަން ދުރާލާ ރަވައިގެން ކަމަށާއި އަދި ރިޝްވަތުގެ ފައިސާގެ މެދުވެރިއަކަށްވެފައި ވަނީ ޖުޑިޝަލް އެޑިމިނިސްޓްރޭޓަރ ހަސަން ސައީދުކަން ފުލުހުންގެ ތަހްގީގުން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެކަން ކަމަށް ރިއާޔަތްކޮށް 1 ފެބްރުއަރީގެ އަމުރު ބާތިލްކޮށްދޭން އެދުމުން، އެ އަމުރު ނެރުމުގައި ސޮއިކުރެއްވި އަދި މިހާރު އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ރިޔާސަތުގައި އިންނެވި އަބްދުﷲ އަރީފު ވިދާޅުވީ އެ އިޖްރާއީ ނުކުރާ ބަލައި ނުގަންނަ ކަމަށެވެ. ތިން ފަނޑިޔާރުންގެ މަޝްވަރާ އަށް ފަހު އެގޮތައް ނިންމަވައި، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވާހަކަދައްކަވަމުން ވިދާޅުވީ ފަނޑިޔާރެއްގެ މައްޗަށް ތުހްމަތު ކުރެވޭ މައްސަލައަކުން އޭރު ނެރުނު އަމުރެއް ބާތިލްވެގެން ނުދާނެ ކަމަށެވެ.

ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ޖިނާއީ ކުށެއްގެ ނިޔަތެއް އޮވެއްޖެ ނަމަ އެކަން ބެލި އެކަން ކުރަން ޖެހޭ ފަރާތުން ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށް ސަކާރުން ފަސްކޮށްފައި ވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހްމަތުކުރުމަށްފަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް