ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 14:48
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އެކެއް ފެބްރުއަރީގެ ބައެއް ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ފްލޯ ކްރޮސްކުރުމާ ބެހޭ ގާނޫނެއް ނުހެދުނީ މަޖިލީހުގައި އެ ފަދަ މާހައުލެއް ނެތުމުން
ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ކުރަން ސުޕްރީމް ކޯޓުގެ ބަހެއް ހޯދާކަށް ނުޖެހޭނެ
މައްސަލައިގައި ވަކާލާތު ކުރައްވަނީ ދައުލަތުގެ ވަކީލުން އެކަނި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމާއި އިންތިހާބުވި ޕާޓީ ބަދަލުކުރިއަސް މެމްބަރުކަން ނުގެއްލޭނެ ކަމަށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުން ބާތިލް ކުރުމަށް ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ. 

ބަންޑާރަނައިބު ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ނިންމުމުގެ ބައެއް ނުކުތާތައް ބާތިލްކޮށްދިނުމަށް ހުށަހަޅުއްވާފަ އެވެ.  

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި އޮތީ ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017ގައި ނެރުނު އަމުރު ބާތިލް ކޮށްފައިވާ މައްސަލަ އެވެ. އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އޮފީހުގެ ވަކީލު އަންގާރަ ދުވަހު ކޯޓުގައި ވިދާޅުވީ ފްލޯކްރޮސް ކުރުމާ ގުޅޭ ގޮތުން ގާނޫނެއް ހެދުމަށް ލާޒިމްކޮށް ނެރުނު އަމުރު ބާތިލް ކުރީ ހަ މަސްވީއިރު ވެސް އެ ގާނޫނު ހެދިފައިނުވާ ކަމަށް ބުނެ ކަމަށްވީ ނަމަވެސް އެކަން ނުވީ އެ ހަ މަސް ދުވަސްތެރޭގައި އެފަދަ ގާނޫނެއް ހެދޭ ފަދަ މާހައުލެއް ރައްޔިތުންގެ މަޖިލީހުގައި ނެތުމުން ކަމަށެވެ. އަދި ހަ މަސްދުވަސްވީއިރު ވެސް ފްލޯކްރޮސް ކުރުމާ ގުޅޭ ގާނޫނެއް ނުހެދިގެން ކަމަށް ބުނެ އެ އަމުރު ބާތިލްކުރިއިރު ސުޕްރީމް ކޯޓުން ވަކި މުއްދަތެއް އެކަމަށް ދީފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޕްލޯކްރޮސްކުރުމާ ގުޅޭ ގޮތުން ގާނޫނެއް ނުހެދި ދިޔަ މުއްދަތުގެ ތެރޭގައި އެއްވެސް އެހެން ގާނޫނެއް ވެސް މަޖިލީހުން ފާސްކޮށްފައިނުވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް އެ ބިލް ހުށަހެޅިކަން ނުވަތަ ނޫންކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފްލޯކްރޮސްކުރުމާ ގުޅޭ ގޮތުން ގާނޫނެއް މިހާރު ވަނީ ފާސްކޮށް ތަސްތީގުކޮށްފަ އެވެ.    

އަދި 12 މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވަނިކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހުރިހާ މެމްބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ބާތިލް ކަމަށް ކަނޑައަޅާފައިވާ ނުކުތާއާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ އެހާ ހިސާބަށް ގާނޫނެއް ހެދެންދެން ހޯދަދީފައިވާ ހައްލެއް ކަމަށާއި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ނިންމުމަށް ބަދަލު އަންނަ ފަދަ ހާލަތެއް މެދުވެރިނުވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޝްވަތު ހިފިކަމުގެ ބައެއް މައްސަލަތައް މިހާރުވެސް ތަހްގީގު ކުރެވެމުންދާއިރު ބައެއް މެމްބަރުންގެ މައްޗަށް ދައުވާ ވެސް ކޮށްފައިވާއިރު ވަގުތީ ހައްލެއް ގޮތުން ނެރުނު އަމުރު ބާތިލް ކުރަން ޖެހޭ ފަދަ ހާލަތެއް ނާންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.  

ހަމަ އެހެންމެ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް ކުރަންވާނީ ސުޕްރީމް ކޯޓުގެ ލިޔުމެއް ލިބިގެން ކަމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެއެވެ. އެގޮތުން ފަނޑިޔާރުން އައްޔަން ކުރުމާއި އިސް ފަނޑިޔާރުން އައްޔަން ކުރުމަކީ ޖުޑިޝަލް ސާވީސް ކޮމިޝަނަށް ލިބިދީފައިވާ ބާރެއް ކަމަށާއި އެއީ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓަށް ނުވަދެވޭނެ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވި އެވެ.  

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށްވާއިރު އެ ނިމުމަށް އަލުން މުރާޖާކުރެވޭނެ ގާނޫނެއް އަދި އުސޫލެއް ނެތް ކަމަށް ދޭހަވާ ގޮތައް ވާހަކަ ދެއްކެވުމުން ފަނޑިޔާރުން ވަނީ ދައުލަތުގެ ވަކީލުންނާ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރެއް އަލުން ސުޕްރީމް ކޯޓަށް މުރާޖާ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮވޭތޯ ފަނޑިޔާރުން އެއްސެވެމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެކަން ކުރެވޭނެ ކަމަށް ވެސް އަދި ނުކުރެވޭނެ ކަމަށްވެސް ނޯންނަ ކަމަށެވެ. އަދި ފްލޯކްރޮސްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރު އަލުން މުރާޖާކޮށް އެ އަމުރު ބާތިލްކުރެވޭނެ ހާލަތެއް ނާންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.  
 

މި މައްސަލާގައި ވަކާލާތު ކުރައްވަނީ ހަމަ އެކަނި ބަންޑާރަ ނައިބު އޮފީހުގެ ވަކީލުންނެވެ. ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައިވާ ބައެއް ސިޔާސީ ބޭފުޅުން ދޫކޮށްލަން ކުރި އަމުރު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އެކެއް ފެބްރުއަރީ ގައި ކަނޑައަޅާފައިވާ ނިންމުމަށް އަމަލު ކުރުން ވަގުތީ ގޮތުން އޮތީ ހުއްޓުވާފަ އެވެ.

މި މައްސަލާގައި ދެން އަޑުއެހުންތައް ނިމުނީ ކަމާއި އިތުރު ކަމެއް ފާހަގަ ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކަމަށް ފަނޑިޔާރުން ވަނީ އިއުލާން ކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް