ބްރޯޑްކާސްޓް މެދުކަނޑާލި ކަމަށް ބުނެ ރާއްޖެޓީވީ 2،000ރ. އިން ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓްގައި މިއަދަށް ތާވަލުކޮށްފިއެވެ.
ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި "ބްރޯޑްކާސްޓްކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އާންމުކޮށް ނުވަތަ ވަކި ބަޔަކަށް އަމާޒުކޮށް އަޑާއި މަންޒަރު ނުވަތަ އަޑު ނުވަތަ މަންޒަރު ދުރަށް ފެތުރުމަށެވެ. ރާއްޖެ ޓީވީން އެންމެ ހިނދުކޮޅަކަށް ވެސް މި ހިދުމަތް މެދުކަނޑާލާފައި ނުވާ ކަމަށް އެ ސްޓޭޝަނުން ބުނެ އެވެ.
އެ ސްޓޭޝަނުން ބުނި ގޮތުގައި އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ ރާއްޖެޓީވީ އަށް ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީއެވެ.
އާންމު ކޮންޓެންޓް ބްރޯޑްކާސްޓްކުރުން ރާއްޖެޓީވީ އިން މެދުކަނޑާލީ ފެބްރުއަރީ 8، 2018 ވީ ބުރާސްފަތި ދުވަހުގެ ރޭ 10:45 އިން ފެށިގެންނެވެ.
މިކަމާ ގުޅިގެން ރާއްޖެޓީވީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ދެއްކުން ހުއްޓާލަން މަޖުބޫރުވީ، ސްޓޭޝަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ދަރަޖައަށް ކަންކަން ގޯސްވެ، ލިބެމުން ދިޔަ އިންޒާރުތައް އިތުރުވެ، ސްޓޭޝަނަށާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.
ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ދެއްކުން މެދުކަނޑާލުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ތަފާތު އެކި މައްސަލަތަކުގައި 1.7 މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައެވެ.
ރާއްޖެ ޓީވީ 2000 ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ އެ ސްޓޭޝަނުން ހުށަހަޅާފައިވާއިރު، ޝަރީއަތް ނިމެންދެން ޖޫރިމަނާ ފައިސާ ދެއްކުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވެ އެވެ. މި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ މިއަދު މެނދުރު 2:00 ގަ އެވެ.