ހދ. ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދައެއް ނަގާފައި ހުރި ރުކެއް ކަނޑާލައިފިއެވެ.
ނޮޅިވަރަންފަރުގައި އެމްޑީޕީގެ ދިދަ ނަގާފައި ހުރި ރުއް ކަނޑާލާފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ރަށުގެ ހުޅަނގު ފަރާތު، އަތިރިމަތީގައި ހުރި ރުކަކަށް މީގެ ތިން ދުވަސް ކުރިން ނަގާފައިވާ އެމްޑީޕީގެ ދިދައެއް ތިރިކުރުމަށް ފުލުހުން އެކި ފަހަރުމަތިން އަރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އާންމުންގެ މީހަކު އަރުވައިގެން، އެ ދިދަ ބޭލުމަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ވެސް ފުލުހުން މަސައްކަތް ކުރި ކަމަށް އަހުމަދު ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރުކަށް ނަގާފައިވާ އެމްޑީޕީގެ ދިދަ ބޭލުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބުވީ ރުކުގެ ވަކި ހިސާބެއްގައި ގިރިސް ހާކާފައި ހުރުމުން، ރުކަށް އެރުމަށް ދަތިތަކާ ކުރިމަތިވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އަންގާރަ ދުވަހު ހެނދުނު ބެލިއިރު، ދިދަ ނަގާފައިވާ ރުއް ކަނޑައި ވައްޓާލާފައިވާ ކަމަށެވެ. އެކަން ކުރީ ކޮން ބަޔަކު ކަމެއް ނޭނގޭ ކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ކަސްކަރަމަތީގައި ނަގާފައިވާ އެމްޑީޕީ ދިދަތައް ފުލުހުން ނުކުމެދަނީ ތިރިކުރަމުންނެވެ. އެންޓަނާތަކާއި އުސް އިމާރާތްތަކުގައި ނަގާފައިވާ އެމްޑީޕީގެ ދިދަތައް ފުލުހުން ނަގަމުންދަނީ ހޯމް މިނިސްޓްރީން ހެދި ގަވާއިދެއްގެ ދަށުންނެވެ. އެ މިނިސްޓްރީން ހެދި ގަވާއިދެއްގައި ބުނެފައިވާ ގޮތުން، ގައުމީ ދިދައަށް ވުރެ މައްޗަށް އެހެން ދިދައެއް ނުނެގޭނެ އެވެ.