ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 14:31
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެ އެމްވީ
ސޮވެރިންގ ބޮންޑް
ސޮވެރިންގ ބޮންޑު ވިއްކުމަށް މިއަހަރުވެސް ތައްޔާރުވަނީ
200 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ބޮންޑު ވިއްކާނެ
މިދިޔަ އަހަރުވެސް ސޮވެރިންގ ބޮންޑު ވަނީ ވިއްކާފައި
އަވަސް މުއްދަތެއްގެ ތެރޭގައި ބޮންޑު ވިއްކުމަށް މާކެޓަށް ހުޅުވާލާނެ

މިއަހަރު ވިއްކުމަށް ހަމަޖެހިފައިވާ ސޮވެރިންގ ބޮންޑް ވިއްކުމަށްޓަކާ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓްރީ ބުނެފި އެވެ.

 ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، ފިނޭންސް މިނިސްޓްރީން ބުނީ، ސޮވެރިންގ ބޮންޑު ވިއްކުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ބޮންޑު ވިއްކަން ހުޅުވާލާނެ ކަމަށެވެ.

 ސަރުކާރުގެ ބަޖެޓުގައި ވަނީ 200 މިލިއަން ޑޮލަރާއި 300 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް ބޮންޑު ވިއްކާނެ ކަމަށް ކަނޑައަޅާފަ އެވެ.

 މިދިޔަ އަހަރާއި ހިލާފަށް ބޮންޑު ވިއްކާނީ، އެއްކޮށް ނޫން ކަމަށާއި އަދަދުތަކަށް ބަހާލައިގެން އަހަރުގެ އެކި ހިސާބުތަކުގައި ބޮންޑު ވިއްކުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން މިއަހަރުގެ ކުރީ ކޮޅާއި މެދު ތެރޭގައިވެސް ބޮންޑުގެ ބައެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

 ބޮންޑު ވިއްކުން ބަހާލައިގެން ކުރިއަށްގެންދަނީ މާކެޓްގައި ވިއްކުމަށް ފަސޭހަ ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މިކަން ހާމަކޮށްފައިވާ އިރު މިއަހަރުގެ އެންމެ ފުރަތަމަ ސަރުކާރުން ވިއްކާ ސޮވެރިންގ ބޮންޑު ވިއްކާ މާކެޓެއް ނުވަތަ އެންމެ ފުރަތަމަ ވިއްކާ އަދަދެއް ވެސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް އަދަދުތައް ފައިނަލް ކުރެވެމުން ބޮންޑްގެ ތަފްސީލު ހާމަކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ބޮންޑު ވިއްކައިގެން ލިބޭ ފައިސާއިން ސަރުކާރު ބަޖެޓުގައި ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ހޭދަ ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް ހަރަދު ކުރާނީ ކޮން ކޮން ޕްރޮޖެކްޓްތަކެއް ކަނޑަނާޅާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން ސޮވެރިންގ ބޮންޑު ވިއްކުމުގެ މަސައްކަތް ކުރަމުންދާ އިރު މިދިޔަ އަހަރުވެސް 200 މިލިއަން  ޑޮލަރުގެ ބޮންޑެއް ވަނީ ވިއްކާލާފަ އެވެ.  އެގޮތުން އެފައިސާގެ ތެރެއިން މިދިޔަ އަހަރު 130 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. ބޮންޑުގެ ފައިސާ ހަރަދުކޮށްފައިވަނީ ސަރުކާރުން ހިންގާ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކާއި އައިޖީއެމްއެޗްގެ އާ އިމާރާތާއި މަސްވެރިކަމުގެ ދާއިރާތަރައްގީ ކުރުމުގެ އިތުރަށް ރީޖަނަލް އެއަރޕޯޓް ތަރައްގީ ކުރުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި މިއަހަރު ބޮންޑު ފައިސާގެ 70 މިލިއަން ޑޮލަރު ހަރަދު ކުރެވޭނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ޑޮއިޝޭ ބޭންކް މެދުވެރިކޮށް ސަރުކާރުން ބޮންޑް ވިއްކާލާފައިވާ އިރު 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރުގެ ޑިމާންޑެއް ލިބުނު ކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު މީގެ ކުރިން ވަނީ ހާމަ ކުރައްވައިފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް