ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 12:11
އދ. ގެ ވަފުދު މިނިސްޓަރ ޝައިނީއާއި ބައްދަލު ކުރައްވަނީ
އދ. ގެ ވަފުދު މިނިސްޓަރ ޝައިނީއާއި ބައްދަލު ކުރައްވަނީ
ޓްވިޓަރ
އދ. ގެ ވަފުދު
ރާއްޖެ ވަޑައިގެން އުޅުއްވާ އދ. ގެ ވަފުދު މިނިސްޓަރ ޝައިނީއާއި ބައްދަލު ކުރައްވައިފި
މިނިސްޓަރު ޝައިނީއާ އދ.ގެ ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވީ ހޯމަ ދުވަހު
އދގެ ވަފްދުގެ ބޭފުޅުން ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އިސް ބޭފުޅުންނާ ވެސް ހޯމަ ދުވަހު ވަނީ ބައްދަލުކުރައްވާފަ

ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދުގައި ހިމެނޭ ބޭފުޅުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ބައްދަލުކުރައްވައިފި އެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ހުންނަވާ އިސް މަންދޫބު ކަމުގައިވާ މިނިސްޓަރު ޝައިނީއާ އދ.ގެ ވަފްދުގެ ބޭފުޅުން ބައްދަލުކުރެއްވީ ހޯމަ ދުވަހުއެވެ.
އދގެ ވަފްދުގެ ބޭފުޅުން މިނިސްޓަރު ޝައިނީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އިސް ބޭފުޅުންނާ ވެސް ހޯމަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުންތަކުގެ ތަފްސީލް މައުލޫމާތު އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އދގެ ވަފްދެއް ރާއްޖެ އައިސްފައި މިވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރެވޭނެ މަގެއް ހޯދުމަށެވެ. އެގޮތުން މިވަފްދުގެ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ ގުޅިފައިވާ ޕާޓީތަކާއެކު ސަރުކާރުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް މަގުފަހިކުރުމެވެ.  

އދގެ ވަފްދުގެ ބޭފުޅުން ސަރުކާރުގެ އޮފިޝަލުންނާއި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިންގެ އިތުރުން މަދަނީ ޖަމިއްޔާތަކާ ބައްދަލުކުރައްވާ ރާއްޖޭގެ މަސްރަހުގައި ހިނގަމުންދާ ކަންކަން އޮޅުންފިލުއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުގެ ޓީމެއް މިދިޔަ ހަފްތާ ވަނީ އެމެރިކާއަށް ދަތުރުކޮށް އދގެ ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް ޝަކުވާ ހުށަހަޅާފަ އެވެ. ނަމަވެސް ސަރުކާރުން ގެންދަނީ މިފަދަ ހުރިހާ ތުހުމަތެއް ދޮގުކުރަމުންނެވެ.
އދ. އިން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ކުރި އަމުރަކާ ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ
. އަދި ރާއްޖޭގެ މަޝްރަހު ފިނިކުރުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރާއިއެކު މަޝްވަރާތައް ބޭއްވުމަށް ވެސް އދ. އިން ދެ ފަހަރެއްގެ މަތީން ގޮވާލިއެވެ. އަދި އެ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ހުށައެޅުމުން ސަރަުކާރުން އެކަމާއި ދެކޮޅު ހެއްދެވިކަމަށް އދ. އިން ބުންޏެވެ. އެހެން ނަމަވެސް ސަރުކާރުން ފަހުން އެކަން ދޮގުކުރިއެވެ.

ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޝްވަރާ ކުރާނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކޮށް، އދ. ވެސް މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކަމަށެވެ.

އދގެ ޕޮލިޓިކަލް އެފެއާޒް އަކީ ގައުމުތަކުގައި ހިނގާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާ އދ. ގެ މައި ޖަމްއިއްޔާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް