ރާއްޖެޓީވީގެ ނޫސްވެރިން ކަމަށްވާ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމްއާއި ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ރާއްޖެޓީވީގެ ގާނޫނީ ވަކީލުއާ ހަވާލާ ދެއްވާ ރާއްޖެޓީވީ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އާމިރު އާއި ވިސާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހުގެ 15:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެކަން ފުލުހުން އަންގާފައިވާ ކަމަށެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި އާމިރު ސަލީމް ހައްޔަރުކުރީ މާޗް 16، 2018 ވަނަ ދުވަހުގެ ރެއެވެ.
ވިސާމާއި އާމިރު ހައްޔަރުކުރީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއްއުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ކަމުގެ ތުހްމަތުގައެވެ. އެއްވެސް ހެއްކެއް ނެތި އެ ދެ ނޫސްވެރިން ހައްޔަރުކޮށް، 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ނެވެ.

މި ދެ ނޫސްވެރިންނާއެކު ހަމަ މިމައްސަލާގައި ހައްޔަރު ކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް އަދި މީޑިއާ ކޯޑިނޭޓަރު ހަސަން އިސްމާއީލް ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް އޭނާގެ ބަންދަށް އިތުރުކުރި ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން، މުއްދަތު އިތުރުނުކޮށް، ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.
ވިސާމާއި އާމިރު ހައްޔަރު ކުރީ، ރާއްޖެ ޓީވީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދޭ ސްޓޭޝަނެއް ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.