ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފެށުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއި ގުޅިގެން ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 11 ޖަހާއިރު ސުޕްރީމް ކޯޓުގައި ފެށުމަށް ވަނީ ތާވަލް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި، އެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް އަމުރުކޮށްފައިވެއެވެ.
އެ އަމުރަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގައި ދެން ތިއްބަވާ ތިން ފަނޑިޔާރުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގެ ބައެއް ބާތިލް ކުރި ނަމަވެސް، މެމްބަރުންނާއި ގުޅޭ ގޮތުން ގޮތެއް ކަނޑައަޅާފައެއްނުވެއެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނާއި ގުޅޭ ބައި ބާތިލް ކުރަން އެޓާރނީ ޖެނެރަލްގެ ފަރާތުން ހުށަހެޅުމާއެކު ސުޕްރީމް ކޯޓުން ވަނީ، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ އަމުރުގައި ހިމެނޭ މެމްބަރުންގެ ބަޔަށް އަމަލު ކުރުން މަޑުޖައްސާލުމަށް އަންގައި ވަގުތީ އަމުރެއް ނެރެފައެވެ.
ދައުލަތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ތާވަލް ކުރި ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ދެ ފަހަރު ވެސް ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ.