ފުލުސް އޮފީހަށް ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒު ވަދެފައިވާކަން ސާބިތުވެއްޖެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން މާޗް މަހުގެ 16 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން އިންތިގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ދެއްވި އިންޓަވިއުއްގައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން އިންތި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނެގި މުހިންމު ވޯޓަކަށް ހާޒިރުވުމަށް ގެއިން ނުކުތް ވަގުތު އިންތި ގަޔަށް ކަޅުތެޔޮ ޖެހުމަށް މީހަކު ހުރި މައްސަލަ ހުށަހެޅި ކަމަށާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މިހާގެ ސާމްޕަލް ނެގިތޯ ސުވާލުކުރި ކަމަށެވެ. ހަމައެހެންމެ އޭނާއަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ހުށަހެޅުނު މައްސަލަތައް ނުބަލައި ޕްރެސް ކޮންފަރެންސެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސާމްޕަލް ނެގުމުން އެނގިގެން ދަނީ ފުލުސް އޮފީސް ސިޔާސީ ވެފައިވާ މިންވަރާއި ފުލުސް އޮފީހަށް ރައީސް ޔާމީންގެ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށެވެ.
އިންތި ވިދާޅުވީ ރައީސް ޔާމީން ވިދާޅުވާހާ ގޮތަކަށް ތަހުގީގު ހިންގެވުމަކީ ފުލުހުންނަށް ރައްކާތެރިކަން ލިބޭނެ ކަމެއް ނޫން ކަމަށާއި ފުލުސް އޮފީހުގެ ވެރިންނަށް ހަދަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އެގޮތުން ކޮންމެ ފަހަރަކު ވެސް ފުލުހެއްގެ ބޭނުން ހިފުމަށް ފަހު ގެންގޮސް ޖަލަށްލާ މަންޒަރު ފެންނަ ކަމަށާއި އޭރުން އެ ފުލުސް މިހާ ޖަލަށް ދާނީ އެއްވެސް ޝަރަފުވެރިކަމެއް ނެތި ކަމަށް ވިދާޅުވިއެވެ. އިންތި ވިދާޅުވީ އޭނާ ޖަލަށް ދާނީ ރަނގަޅު މަސައްކަތްކުރުމުގެ ޝަރަފާއެކު ކަމަށާއި ޣައިރު ގާނޫނީ އަމުރު ތަންފީޒު ކުރި ނަމަވެސް އެއްވެސް ރައްކާތެރިކަމެއް ފުލުހުންނަށް ނެތް ކަމަށެވެ.
އިންތިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު ވެސް ވަނީ ހަމަ މިމައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. ނަޒީރާއި އަމީތު ވަނީ އެދުވަހު އަޑުގެ ސާމްޕަލާއި ފޮޓޯ ވެސް ފުލުހުންނަށް ދީފައެވެ.