ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް، ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫޘީން, އާދީއްތަ ދުވަހު ދިން މިސައިލް ހަމަލާ ކުށްވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސައުދަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކުށެއް ނެތް އާންމު ރައްޔިތުންނާއި، މުހިއްމު ބިނާތަކަށް އަމާޒުކޮށް ދިން މިހަމަލާގެ ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި، ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެއެވެ. ޓެރަރިޒަމްގެ މިފިނޑި އަމަލު، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ސައުދީ އަރަބިއްޔާގެ ސަރުކާރާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމި ތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ރާއްޖެއިން ސައުދީ އަރަބިއްޔާއާ އެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގައި ވިދާޅުވެފައިވެއެވެ.
ހޫޘީން، ޔަމަނުން ސައުދީ އަށް ހަތް ބެލިސްޓިކް މިސައިލް ފޮނުވާލިއިރު، އެ މިސައިލްތައް ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާ އިން ވަނީ ބުނެފައެވެ. ވެއްޓުނު މިސައިލްގެ ބައިތަކުން ޖެހި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ހޫޘީންގެ މިސައިލް ހަމަލާ ދީފައި ވަނީ ޔަމަނަށް ސައުދީން ވައިގެ ހަމަލާތައް ދޭން ފެށިތާ ތިން އަހަރުވީ ދުވަހުއެވެ.
ހޫޘީން ސައުދީ އަށް ދިން ހަމަލާ ބަހްރައިން، ޖޯޑަން، ޕާކިސްތާން، ޔޫއޭއީ ވެސް ވަނީ ކުށްވެރިކޮށްފައެވެ.
އާދީއްތަ ދުވަހު ސައުދީ އަށް ފޮނުވާލި ހަތް މިސައިލްގެ ތެރެއިން ތިން މިސައިލް ފޮނުވާލާފައި ވަނީ ވެރިރަށް ރިޔާދަށެވެ. ހޫޘީން މީގެ ކުރިން ވެސް ސައުދީ އަށް ހަމަލާދީފައިވާއިރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ހޫޘީންނަށް ހަތިޔާރު ފޮނުވައި އެހެނިގެން ގޮތްގޮތުން އެހީތެރިވެދެނީ އީރާނުން ކަމަށް ސައޫދީ އާއި ވިލާތުގެ ގައުމުތަކުން ބުނެއެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެއެވެ.
ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ސައުދީ އިސްވެ އުފައްދާފައިވާ ގުޅިފައިވާ ކޯލިޝަނުން ގެންދަނީ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހޫޘީންނާ ދެކޮޅަށް ހަމަލާ ދެމުންނެވެ.