ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ތިން އަހަރުގެ ކުޑަކުއްޖާ، މުހައްމަދު އިބްތިހާލް ގަސްދުގައި މަރާލި ކަމުގެ ދައުވާ ލިބޭ އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ޝަރީއަތް ފަސް މަސް ފަހުން، އަންގާރަ ދުވަހަށް ޝެޑިއުލްކޮށްފިއެވެ.
މީގެ ތިން އަހަރު ކުރިން، ރަކީދޫގައި އިބްތިހާލު މަރުވެފައި އޮއްވާ ފެނުނުއިރު، އޭނާގެ ގައިގެ އެކި ތަންތަން ނޫފައިގެން ގޮސްފައިވެއެވެ. މަންމައާ އެކު ދިރިއުޅޭ ގޭގެ ތެރޭގައި އިބްތިހާލު މަރުވެފައި އޮއްވާ ފެނިގެން، އަވަށްޓެރިން އެއްކޮށްގެން އިބްތިހާލަށް ވީ ގޮތް، އޭނާގެ މަންމަ އާފިޔާ ވަނީ ކިޔައިދީފައެވެ. މަރުގެ ތުހުމަތުގައި އާފިޔާ ހައްޔަރު ކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމާ އެކު ގާޒީގެ ކުރިމަތީގައި އާފިޔާ ވަނީ އޭނާގެ ދަރިފުޅު، އިބްތިހާލު މަރާލި ކަމަށް އެއްބަސްވެފައެވެ.
އާފިޔާއަކީ ކުޑައިރުން ފެށިގެން ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާ ލިބެމުންދިޔަ އަންހެނެކެވެ. އާފިޔާއަށް އިބްތިހާލު ލިބުނީ ވެސް އެފަދަ އަނިޔާތަކުގެ ތެރޭގައެވެ. ޖިންސީ އަނިޔާ އާއި ޖިސްމާނީ އަނިޔާތަކާ އެކު، އާފިޔާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ރަކީދޫ މީހުން ބުނެ އުޅެއެވެ. އާފިޔާއަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ދޮން ބައްޕަ ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައިވެއެވެ.
އާފިޔާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަންގާރަ ދުވަހުގެ މެންދުރުފަހު، ކްރިމިނަލް ކޯޓުގައި ޝެޑިއުލްކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޝަރީއަތެއް ބާއްވާފައިވެއެވެ. އެ ޝަރީއަތް ވެސް ބާއްވާފައި ވަނީ އަށް މަސް ދުވަހަށް ފަހުއެވެ.
އެންމެ ފަހުން ބޭއްވި އެ މައްސަލައިގެ ޝަރީއަތުގައި ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރު ޑރ. އާއިޝަތު އަލީ ނާޒު ވަނީ ހެކިބަސް ދެއްވާފައެވެ. ހެކިބަސް ދެއްވަމުން ނާޒް ވިދާޅުވެފައި ވަނީ އާފިޔާއަކީ ޑިޕްރެޝަން ހުންނަ އަންހެނެއް ކަމަށާއި ރުޅި ގަދަ ވެސް މީހެއް ކަމަށެވެ. ނަމަވެސް ހެދި ޓެސްޓަކުން ސައިކޯޓިކް ޑިސްއޯޑާއެއް ހުރިކަން ފާހަގަކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޝަރީއަތުގައި ނާޒު ކިޔައިދިން ގޮތުގައި އާފިޔާގެ ހާލަތު ދެނެގަތުމަށް ޓެސްޓްތައް ހެދިއިރު، ބުދެއް ބޭނުންކޮށްގެން އިބްތިހާލު މަރާލި ގޮތް ދެނެގެންފައިވެއެވެ. އިބްތިހާލްގެ ހަށިގަނޑުގައި ޖެހި ތަންތަނާއި ކަންތައް ކުރި ގޮތް، ރޯލްޕެލޭ ސެޝަން އާފިޔާ ކިޔައިދީފައިވާ ކަމަށް ނާޒު ވިދާޅުވެފައިވެއެވެ.
ރޯލްޕެލޭ ސެޝަނަށް ފަހު އާފިޔާ ވަރަށް ގަދައަށް ރުއިކަން ފާހަގަކޮށް ނާޒު ވިދާޅުވީ މުޖުތައުމުގައި ދިރިއުޅޭ ރުޅި ކޮންޓްރޯލް ނުކުރެވޭ އެހެން މީހުންނަށް އެހީތެރިވެދިނުމަށް އާފިޔާ އެދުނު ކަމަށެވެ.