ބަންގްލަދޭޝްގެ 47 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. އަބްދުލްހާމިދަށާއި، ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީން، މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާފައި ވެއެވެ. މިގޮތުން ދެގައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތުން، ދެގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި، ދެގައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައި ވާ ޒަމާންވީ އިގްތިޞާދީ، އިޖުތިމާޢީ އަދި ސަގާފީ ގުޅުން ރައީސް ޔާމީންގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން ރާއްޖެއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް އެކުވެރި ގުޅުމާއި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ބަންގްލަދޭޝް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައީ 26 މާރޗު 1971 އެވެ.