ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ޤާސިމް މާފުށީ ޖަލަށް ބަދަލުކުރި ފަހުން ބައްދަލުކުރުމަށް އާއިލާއަށްވެސް އަދި ވަކީލުންނަށްވެސް އެއްވެސް ފުރުސަތެއް ނުދޭ ކަމަށް ވަކީލް ވިދާޅުވެއްޖެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާ އިބްރާހިމް ސިޔާދުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ މި މަހުގެ 22 ވީ ބުރާސްފަތި ދުވަހު ސިޔާދު މާފުށީ ޖަލަށް ބަދަލުކުރެވުނުކަން އާއިލާއަށާއި ވަކީލުންނަށް އަންގާފައިވާކަމަށެވެ. ނަމަވެސް އޭގެ ފަހުން އިބްރާހިމް ސިޔާދު ޤާސިމާއި ބައްދަލުކުރުމަށް އާއިލާއަށްވެސް އަދި ވަކީލުންނަށްވެސް އެއްވެސް ފުރުސަތެއް ދީފައި ނުވާކަމަށެވެ.
ނޫރުއްސަލާމް ވިދާޅުވީ، މާފުށީގައި އިބްރާހިމް ސިޔާދު ބަންދުކޮށްފައި ހުރީ ކޮންތަނެއްގައިކަމާއި، ސިޔާދުގެ ހާލަތު ހުރި ގޮތެއް ނޭނގޭތީވެ އާއިލާއާއި ވަކީލުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން ސިޔާދާއި ބައްދަލުކުރުމަށް އާއިލާއާއި ވަކީލުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް އެއްވެސް އެދެވެ އިޖާބައެއް ކަރެކްޝަނަލް ސާރވިސްއިން ލިބިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލް ނޫރުއް ސަލާމް ވިދާޅުވީ ޝަރީއަތް ނިމެންދެން ކުރި ބަންދުގެ އަމުރުގައި ވިޔަފާރީގެ ބައްދަލުވުމުގެ ގޮތުގައި ކުންފުނީގެ ބޭފުޅުންނަށް ބައްދަލުވުން ހަމަޖައްސައިދިނުމަށް އަމުރުކޮށްފައިވާއިރު، އެކަމާއިވެސް ކަރެކްޝަނަލް ސާރވިސްއިން ހިލަފުވަމުންދާކަމަށެވެ.
ޝަރީއަތް ނިމެންދެން ސިޔާދު ބަންދުކުރަން އަމުރުކުރީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެންނެވެ.