ކ. މާލެ
|
26 މާރޗް 2018 | ހޯމަ 06:15
ފުށިދިއްގަރު ފަރަށް ދެ ބޯޓު އަރާފައި
ފުށިދިއްގަރު ފަރަށް ދެ ބޯޓު އަރާފައި
ޓްވިޓަރ
ތިމާވެށި ހިމާޔަތްކުރުން
ފުށިދިއްގަރު ފަރަށް ދެ ބޯޓެއް އެރި މައްސަލާގައި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
ބެލިބެލުމުން އެ ފަރުގެ 4,370 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
ޖުމްލަ ޖޫރިމަނާގެ ޢަދަދަކީ 110.39 މިލިއަން ރުފިޔާ
ގަވާއިދުގެ ދަށުން ނަގައިދެވޭ އެންމެ މަތީ ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ

ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ޓަގު ބޯޓާއި މުތާ ގްރޭސް ބާޖު އެރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެ އުޅަނދުތަކުގެ ދިވެހި އެޖެންޓް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. 

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކ. ފުށިދިއްގަރު ފަރަށް މުތާ ރޯޔަލް ޓަގު ބޯޓާއި މުތާ ގްރޭސް ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ބަދަލުގެ ގޮތުގައާއި ޖޫރިމަނާގެ ގޮތުގައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭނެކަމަށް ކަނޑައެޅިފައިވާ 100 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އުޅަނދުތަށް އެ ފަރުގެ ސަރަޙައްދަށް އެރިއިރު އެ އުޅަނދުތަކުގެ ދިވެހިރާއްޖޭގެ އެޖެންޓުގެ ގޮތުގައި ޙަރަކާތްތެރިވަމުން އައި މެއިންލޭންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑަށް 14 މާޗު 2018 ގައި ވަނީ އެންގިފައިކަމަށެވެ. 

ކ. ފުށިދިއްގަރު ފަރަށް އެ އުޅަނދުތައް އެރުމާއި ގުޅިގެން އެ އުޅަނދުތައް ފުންކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބާޖު ފުންކުރެވިފައިވަނީ 23 މާޗު 2016 ގައެވެ. އަދި، ޓަގު ބޯޓު ފުންކުރެވިފައިވަނީ 10 މާޗު 2017 ގައެވެ.

އީޕީއޭއިން ބުނީ އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީގެ ފަރާތުން އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވާކަމަށެވެ. އެގޮތުން، ބެލިބެލުމުން އެ ފަރުގެ 4,370 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައިވާކަމަށް އެޖެންސީން ބުނެ އެވެ. އަދި، ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދަކީ 110.39 މިލިއަން ރުފިޔާ ކަމަށް އީޕީއޭއިން ބުނެ އެވެ. ނަމަވެސް، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 (އެއްސަތޭކަ) މިލިއަން ރުފިޔާ ކަމުގައިވާތީވެ، ޖޫރިމަނާކޮށްފައިވަނީީ 100 މިލިއަން ރުފިޔާއިންކަމަށް އެޖެންސީން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް