ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ، ސިޔާސީ ގޮތުން ލޮޅުތަކެއް އަންނަ ކަމަށާއި، އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެއްޓުމާއެކު އެއައި މާޔޫސް ކަމަށްވުރެ ބޮޑު މާޔޫސްކަމެއް ބަޔަކަށް އަންނާނެކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެހެންނަމަވެސް ނިޒާރު ވިދާޅުވީ މަސްރަހު ވަރަށް ތަފާތު ކަމަށާއި، 2013 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ހޮވުމަށް އެމްޑީޕީގެ މެމްބަރުން އަދި އިސްލާހަށް މަސައްކަތްކުރައްވާ ހުރިހާ އެންމެން ވަރަށް މަސައްކަތްކުރި ކަމަށެވެ.
އެގޮތުން ނިޒާރު ވިދާޅުވީ ކާމިޔާބީވެސް ހޯދި ކަމަށާއި، އެގޮތުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު އެންމެ ގިނަ ވޯޓާ ލޯތްބާ އިހުތިރާމު ރައީސް ނަޝީދު ހޯއްދެވި ކަމަށެވެ. އެ ކާމިޔާބީއަކީ އެތައްބަޔަކު ވެގެން ހޯދި ކާމިޔާބީއެއްކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
މީގެއިތުރުން ނިޒާރު ވިދާޅުވީ 2018 ވަނަ އަހަރުވެސް ރައްޔިތުންނަށް އިންސާފުވެރި އިންތިހާބެއް ލިބޭނީ ހުރިހާ ރައްޔިތުން އެކުވެ މަސައްކަތްކޮށްގެން ކަމަށާއި، އެހެންނަމަވެސް އެ މަސައްކަތް ނުކުރެވިއްޖެ ނަމަ ފަހަތަށް ގޮސް މިހާރު ލިބޭ މިންވަރަށްވެސް އެއްޗެއް ނުލިބޭނެ ކަމަށެވެ.
އައްޑޫ ސިޓީ އަށް ވޭތުވެދިޔަ ތިން އަހަރު ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައިނުވާކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެއްވެސް ވައުދެއް ފުއްދައިދީފައިނުވާ ކަމަށެވެ. އެގޮތުން އެއީ އައްޑޫ ސިޓީ ރައްޔަތުން 2018 ވަނަ އަހަރު ރައީސް ޔާމީނަށް ވޯޓު ދީގެންނުވާ މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.