ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 18:54
ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ރުމާލު 2 ޖަގަހައިގައި ރޯކޮށްލުން ރައީސް ނަޝީދު ކުށްވެރި ކުރައްވައިފި
ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގެން ޖެހޭނެ
އެމްޑީޕީންވެސް ވަނީ އެކަން ކުށްވެރި ކުރައްވާފައި
މިއީ ޑިމޮކްރަޓިކް ސިޔާސީ ނިޒާމެއް ކުރިއެރުވުމަށް އެޅޭ ހުރަހެއް

ޕީޕީއެމް ރުމާލު 2 ޖަގަހައިގެ ސްޓޭޖަށް ދީފައިވާ އަލިފާނުގެ ޙަމަލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުށްވެރި ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީޕީއެމްގެ ރުމާލު 2 ގެ ސްޓޭޖްގައި އަލިފާން ރޯކޮށްލާފައި ވަނިކޮށް ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް ހަރުގެއަށް ދީފައިވާ ޙަމަލާ އެންމެ ހަރުކަށިކޮށް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައިވާއިރު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ގޮވާލާފައި ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެމްޕޭން ޙަރަކާތްތައް ހިންގަމުން އަންނަ ރުމާލު 2 ޖަގަހައިގެ ސްޓޭޖުގައި ހޮނިހިރު ދުވަހުގެރޭ ދަންވަރު އަލިފާން ރޯކޮށް އެތަނުގެ ތަކެއްޗަށް ގެއްލުންދީފައިވާތީވެ އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް، ވީހާވެސް އަވަހަށް ތަޙްޤީޤްކޮށް އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ. 

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޙަރަކާތްތައް ހިންގާ ޖަގަހަތަކާއި، އޮފީސްތަކާއި ސިޔާސީ ޕާޓީތަކުގެ މުދަލަށް ޙަމަލާ ދިނުމަކީ މުޅި ސިޔާސީ ނިޒާމަށް ދެވޭ ޙަމަލާއެއް ކަމަށެވެ.

އެމްޑީޕީން ބުނީ ސިޔާސީ ޙަރަކާތްތައް ހިންގާ ތަންތަނަށާއި އޮފީސްތަކަށް، ވަކިން ޙާއްސަކޮށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށާއި ހަރުގެތަކަށް ޙަމަލާދީ ބޮޑެތި ގެއްލުން ދިނުން މިހާރު މިއަންނަނީ އާންމުވަމުން ކަމަށާއި މާލެއާއި އަތޮޅުތަކުގައި ހަދާފައިވާ އެމްޑީޕީގެ ހަރުގެތަކަށާއި ޖަގަހަތަކަށް ބޮޑެތި ގެއްލުންދީފައިވާކަން ފާހަގަ ކުރާ ކަމަށެވެ. އަދި އެ ޕާޓީން އިސްނަގައިގެން ހިންގާ ޙާރަކާތްތަކަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާއިރު ޕާޓީގެ މުދަލާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ކުއްޔަށް ހިފާ މުދަލަށްވެސް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންދިނުމާއި، ހަރުގެތައް ރޫޅާލުމާއި، އެމްޑީޕީގެ ދިދަތައް ނެގުން ފަދަ ކަންކަން ފުލުހުންގެ ކިބައިން ތަކުރާރުކޮށް ފެންނަމުން އަންނަކަން ހިތާމައާއެކު ފާހަގަ ކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ފަދަ ކަންކަން ކުރުން އާންމުވެފައިވާއިރު، މިއީ ޑިމޮކްރަޓިކް ސިޔާސީ ނިޒާމެއް ކުރިއެރުވުމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން މިފަދަ ކަންކަން ތަޙްޤީޤްކޮށް އެކަންކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް ގޮވާލާ ކަމަށާއި މިހާތަނަށް މިފަދަ އެތައް މައްސަލަތަކެއް ހުށަހަޅާފައިވާއިރު މިއިން އެއްވެސް މައްސަލައެއް ތަޙްޤީޤްކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރާކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ. އަދި ސިޔާސީ ޙަރަކާތްތައްހިންގާ ތަންތަނަށް ވަކި ފިކުރެއް ނުވަތަ ސިޔާސީ ޕާޓީއެއް ބެލުމެއްނެތި، ހަމަހަމަ އުސޫލުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
26 މާރޗް 2018 | ހޯމަ 06:33
ހ މ ޒ
!ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއްނޫން