ހެލްތް މިނިސްޓްރީން ދިހަ ރަށަކަށް ޖިމް އިކުއިޕްމަންޓް ހަވާލުކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ތަކެތި ހަވާލުކޮށްދީފައިވަނީ ށ. ފުނަދޫއާއި ރ. ދުވާފަރާއި ޅ. ހިންނަވަރާއި ދ. ކުޑަހުވަދޫއާއި ސ.ހުޅުދޫއާއި ނ.ކެނދިކުޅުދޫއާއި ހއ. ކެލާ އާއި ތ. މަޑިފުއްޓާއި ގދ. ފިޔޯރީގެ އިތުރުން ލ. ފޮނަދޫ އެވެ.
މި ދިހަ ރަށުގެ ތެރެއިން އައުޓް ޑޯ ޖިމް ސާމާނު ހަވާލު ކޮށްފައިވަނީ އަށް ކައުންސިލްގެ އިތުރުން ދެ ރަށެއްގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަށެވެ. އެގޮތުން ދ. ކުޑަހުވަދޫ އާއި ނ. ކެނދިކުޅުދޫގެ އައުޓް ޑޯ ޖިމް ހިންގުން ހަވާލުކޮށްފައިވަނީ އެރަށުގެ ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަށެވެ.
މި ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ރާއްޖޭގައި ގަޔަށް ގަޔަށް ނާރާ ބޮޑެތި ބަލިތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި މިފަދަ ބަލިތަކުން ސަލާމަތްވުމަށް ދިރިއުޅުމުގައި ރަގަޅު ލައިފްސްޓައިލެއް މުހިއްމު ކަމަށެވެ. ރަގަޅު އާދަތައް މީހުންގައިގާ އަށަގެންނެވުމަށް ކަސްރަތަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށާއި މިގޮތަށް މި ދިހަ ރަށުގައި ވެސް އެފަދަ އާދަތައް އަށަގެންނެވުމަކީ އެންމެ ބޮޑު އުންމިދު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ ހާލަތު އޮތީކީ ގައިންގަޔަށް ނާރާ ބަލިތަކަށް ބަލާ އިރު ރަގަޅަކަށް ނޫން. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު ރާއްޖޭގެ ހާލަތުވެސް ރަގަޅެއް ނޫން. މިކަން ބޮޑުވުން އެބަ އޮތް. މީހުން ކަސްރަތު ކުރުމަށާއި ކާންބޯ ގެންގުޅޭ ތަކެތި، އެއީ އެންމެ ރަގަޅު ތަކެތިތޯ އަޅުގަނޑުމެން އަބަދު ވެސް އެބަ ސުވާލު އުފައްދަން." ނާޒިމް ވިދާޅުވި އެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަމަކީ ވަރަށް މުހިއްމު ކަންކަން ކަމަށާއި މިއަދު ޖިމްތަކެއް ހަވާލުކޮށްގެން މިފެށިގެން ދިޔައީ އެފަދަ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ދިހަ ޖިމް އަށް ބޭނުންވާ ސާމާނު ހަދިޔާ ކޮށްފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެއާ ހަވާލުވެ ހުންނެވި ޑރ އަރްވިންދު މާތޫރު ވިދާޅުވީ، ކަސްރަތު ކުރުން ފަދަކަންކަމަށް މީހުން މިހާރަށް ވުރެ ބޮޑަށް އަހުލުވެރި ކުރުމަކީ ސިއްހަތު ޖަމިއްޔާގެ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި މިފަދަ ކަމެއް ކުރުމުގައި ހެލްތް މިނިސްޓްރީގެ މަސައްކަތްތަކަކީ ފާހަގަ ކޮށްލަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
ޖިމްތައް ރަށްރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޯޕަރޭޝަންއާއި އެވެ. އެކޯޕަރޭޝަނުން ބުނީ 10 ރަށުގައި އައުޓް ޑޯ ޖިމްގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.