އދ.ގެ ޕޮލިޓިކަލް އެފެއާރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖެއަށް ޒިޔާރަތް ކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި އަދި މަދަނީ ޖަމްއިއްޔާތަކުގެ މަންދޫބުންނާއިއެކު ބާއްވަމުންދާ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމަށް ކުރި ޒިޔާރަތެއް ކަމަށެވެ.
ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ބުނީ، އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ މި ޓީމް ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ.
@UN_DPA team is on a working visit to #Maldives for the next three days to continue engagement with the Government, political parties and civil society representatives
— UN in the Maldives (@UNMaldives) March 25, 2018
އދ. އިން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ކުރި އަމުރަކާ ގުޅިގެން ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާ އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ. އަދި ރާއްޖޭގެ މަޝްރަހު ފިނިކުރުމަށް ސިޔާސީ ޕާޓީތަކާއި ސަރުކާރާއިއެކު މަޝްވަރާތައް ބޭއްވުމަށް ވެސް އދ. އިން ދެ ފަހަރެއްގެ މަތީން ގޮވާލިއެވެ. އަދި އެ ވާހަކަތަކުގެ މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ހުށައެޅުމުން ސަރަުކާރުން އެކަމާއި ދެކޮޅު ހެއްދެވިކަމަށް އދ. އިން ބުންޏެވެ. އެހެން ނަމަވެސް ސަރުކާރުން ފަހުން އެކަން ދޮގުކުރިއެވެ.
ސުޕްރީމް ކޯޓްގެ އަމުރަށް ފަހު، ސަރުކާރުން ވަނީ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޝްވަރާ ކުރާނީ ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒު ކޮށް، އދ. ވެސް މެދުވެރިއެއްގެ ދައުރު އަދާކުރާ ގޮތަށް ކަމަށެވެ.
އދގެ ޕޮލިޓިކަލް އެފެއާޒް އަކީ ގައުމުތަކުގައި ހިނގާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާ އދ ގެ މައި ޖަމްއިއްޔާ އެވެ.