މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވަމުން ދާތީ، ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލަށް އަމަލުކުރުން ޓްރާންސްޕޯޓު އޮތޯރިޓީން ހޮނިހިރު ދުވަހު ފަސްކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު، އެ އޮތޯރިޓީން ނެރުނު އިއުލާނަށް އަމަލު ކުރުން ފަސް ކުރީ ކުރިއަށް އޮތް ހަފްތާއަކީ ސްކޫލްތައް ބަންދު ހަފްތާއަކަށްވެފައި، ވިޔަފާރިވެރިންނަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުލާ މުދާ އެއްގަމު އުޅަނދުގައި އުފުލުމަށް ވަކި ގަޑިތަކެއް ކަނޑައަޅާފައިވާއިރު އާދީއްތަ ދުވަހު އެގޮތަށް އަމަލް ކުރުމަށް ފެށުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު އެ ގަޑިތަކަށް އަމަލު ކުރަން ފަށާ ތާރީހަކީ އަންނަ މަހުގެ އެއް ވަނަ ދުވަސް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ކުރިން ބުނެފައިވާ ގޮތުގައި ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ މުދަލާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި ބޯ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 ން ހެނދުނު 6:00 އާ ދެމެދު ކަމަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރު ކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 ން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑުރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.
ޓްރާންސްޕޯޓުގެ އިއުލާންގައިވާ ގޮތުން ދުވާލު ގަޑީގައި އުޅަނދުފަހަރުގައި މުދާ އުފުލުން މަނާކުރީ މަގުތައް ތޮއްޖެހުމުގެ އިތުރުން، ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ އާއި ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުން މަގުތައް ބޭނުންކުރުމުގައި ދަތިވާ ކަމަށް ބުނެ އެވެ.