ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 23:01
ގުޅިފައިވާ ޕާޓީތަކުން ކުރިޔަށް ގެންދިޔަ އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ
ގުޅިފައިވާ ޕާޓީތަކުން ކުރިޔަށް ގެންދިޔަ އެއްވުމަކަށް ފުލުހުން ހުރަސް އަޅަނީ
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ޓެރެރިޒަމްގެ ދަޢުވާކޮށް އެތައް ބަޔަކު ބަންދުކުރެވުނީ ޤާނޫނު އަސާސީއާ ޚިލާފަށް: ގުޅިފައިވާ ޕާޓީތައް
އެތައް ބަޔަކަށް ވަނީ ޓެރިރަޒަމްގެ ދައުވާ އުފުލާފައި
ޓެރަރިޒަމްގެ ދައުވާ ކުރި ނަމަވެސް އިސްލާޙަށްޓަކައި ކުރަމުން އަންނަ މަސައްކަތަށް ހުރަހަކަށް ނުވާނެ
ކޯޓުތައް ބޭނުންކުރަމުން ދަނީ ވަކި ބަޔަކު ރަހީނު ކުރަމުން

ޓެރެރިޒަމްގެ ދަޢުވާކޮށް އެތައް ބަޔަކު ބަންދުކުރެވުނީ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

އެ ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައި ވަނީ ޢަމަލުކުރާނޭ ގޮތް ބަޔާންކުރާ ޤާނޫނެއް ނެތި ކުރިމިނަލް ކޯޓުން 20 އަދި 21 ފެބުރުއަރީގައި ހިންގި އިޖުރާއަތްތަކަކީ ބާޠިލު، އިންސާފެއް ނެތް އިޖުރާއަތްތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގައި އިޢުލާނުކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކުރެވުނު އެތައް ބަޔަކީ ޓެރަރިސްޓުންގެ ގޮތުގައި ދުނިޔެއަށް ދެއްކި ނަމަވެސް އެއީ އިސްލާޙަށްޓަކައި ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ގޮތަކުން އެޅޭ ހުރަހަކަށް ނުވާނޭ ކަމުގެ ޔަޤީންކަން ގުޅިފައިވާ ޕާޓީތަކުން ވަނީ ރައްޔިތުންނަށް ދީފައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ހިފެހެއްޓިފައި އޮތުމުގެ ނަތީޖާއަކީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުން ޢަމަލުކުރަންޖެހޭނެ ކަމަށް ލިޔެވިފައިވާ އުޞޫލެއް ނެތުން ކަމަށާއި އެ ޙާލަތުގައި އެއްވެސް މީހެއްގެ މައްޗަށް ފަނޑިޔާރަކު ހިންގާ އިޖުރާއަތެއް ޞައްޙަ ވާނޭ ކަމަށް ޤަބޫލުކުރެވޭނޭ ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފަވެއެވެ.

ޖިނާއީ ޢަދުލުގެ ނިޒާމު ހިންގާ މުއައްސާސާތައް ކަމަށްވާ ފުލުހުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ކޯޓުތައް ބޭނުންކުރަމުން ދަނީ ވަކި ބަޔަކު ރަހީނު ކުރަން ކަމަށާއި އެކަމަށް އެއްބާރުލުން ނުދިނުމަށް އަދި އެ ޖަރީމާތަކުގައި ބައިވެރިނުވުމަށް އެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުންނަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

ސަރުކާރުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެއްވެސް ފަރާތަކުން އެފަދަ އަމަލެއް ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުގައި ބަޔާނުގައިވެއެވެ.

ޓެރަރިޒަމްގެ ދައުވާކޮށް ބަންދުކޮށްފައިވާ އެއްވެސް ފަރާތެއްގެ އަޒުމަކަށް އަދި ހިތްވަރަކަށް ވެސް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ރައްޔިތުން ވެސް އެކަމުގައި ސާބިތުވެ އިސްލާހީ މަސައްކަތުގައި ދެމި ތިއްބެވުމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ދިވެހިރާއްޖެ އަނިޔާވެރިކަމުގެ ތެރޭގައި ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުގައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމުގެ ޔަގީންކަން ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް