ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 22:42
މަޖިލިސް މެމްބަރު ސަޢުދު ހުސައިން
މަޖިލިސް މެމްބަރު ސަޢުދު ހުސައިން
މުހައްމަދު ޝަރުހާން
މެމްބަރު ސައުދު
މެމްބަރު ސައުދު ކުދިކުދި ކޮށްލާނެކަމުގެ އިންޒާރު ސަރުކާރުގެ ކޯޑިނޭޓަރަކު ދީފި!
އިންޒާރު ދިން މައްސަލަ ބަލަން ގިނަ ބަޔަކު ދަނީ ގޮވާލަމުން
ފުލުހުން ބަހެއް ނުބުނޭ

ރައްޔިޔުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ހުސެއިން "ކުދިކުދި ކޮށްލާނެ"ކަމުގެ އިންޒާރު ސަރުކާރުގެ ކޯޑިނޭޓަރަކު ދީފިއެވެ.

ސަޢުދަށް އިންޒާރު ދެއްވި ބޭފުޅަކީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރެއް ކަމަށްވާ އިބްރާހިމް ރަޝީދެވެ. އޭނާ މިއިންޒާރު ދެއްވީ ސައުދުގެ ވެސް ރަށް ކަމަށްވާ ގއ. ވިލިނގިލީގައި ހުކުރު ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމާއި ސަރުކާރުގެ އިސްވެރިންގެ ކުރިފުޅުމަތީގައެވެ.

އިބްރާހިމް ރަޝީދު މި އިންޒާރު ދެއްވީ ރައީސް ޔާމީނާއި ވާދަކޮށް ބަލިކުރައްވާނެ ކަމަށް ސަޢުދު ވިދާޅުވެފައި ވާތީ، އެކަމަށް ރައްދު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ ސަޢުދު ނުސީދާ ގޮތަކަށް ބައްލަވާ ލެއްވިޔަސް ކުދިކުދިކޮށްލާނެ ކަމަށެވެ. 

މިއިންޒާރު އިބްރާހިމް ރަޝީދު ދެއްވީ ހުވަދޫ ބަހުރުވައިންނެވެ. އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސަޢުދު އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން ކަމަށާއި، އެރަށުގައި ސަޢުދަށް ތާޢީދު ނެތް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ސަރުކާރުގެ ވެރިންގެ ކުރިފުޅުމަތީގައި މިފަދަ އިންޒާރެއް، ސަރުކާރުގެ ކޯޑިނޭޓަރަކު ދެއްވުމާ ގުޅިގެން ގިނަބައެއްގެ ފާދުކިޔުންތައް ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިއާގައި ވެސް މިމައްސަލަ ތަހުޤީޤުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ސަޢުދަށް ވިލިނގިލީގައި ތާޢީދު ނެތް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި ނަމަވެސް ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އެރަށުގައި ތާޢީދު ލިބުނީ އިދިކޮޅު ފަރާތްތަކަށެވެ. އަދި އެރަށުގައި ހިންގާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި އިސްކޮށް އުޅުއްވަނީ ވެސް ސަޢުދެވެ. 

ސަޢުދަކީ ޕީޕީއެމް ދޫކުރެއްވުމާގުޅިގެން ގޮނޑިގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދަނިކޮށް، ސުޕްރީމް ކޯޓުގެ އަމުރަކުން އެގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އަމުރުކުރި މެމްބަރެކެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް